ޓްރޭޑް މިނިސްޓްރީން ދޭ ހިދުމަތްތައް ފަސޭހަަ ކުރަން ހެލްޕް ސެންޓަރެއް ގާއިމް ކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޭ ހިދުމަތްތައް ފަސޭހައިން ލިބޭ ގޮތް ހެދުނަށް ގާއިމު ކުރި ސެންޓަރު ހުންނަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި އެމްޓީސީސީގެ ހުޅުމާލެ ފެރީ ޓާމިނަލް އިމާރާތުގައެވެ. އެ ސެންޓަރުން މިވަގުތު ދޭން ހަމަޖެހިފައި ވަނީ ބިޒްނަސް ރަޖިސްޓްރީ ކުރުމުގެ ކަންކަމާއި، ބިދޭސީ މަސައްކަތްތެރިންގެ ކަންކަމާއި ޖޮބް ސެންޓަރުތަކާ ގުޅުން ހުރި ކަންކަމާ ގުޅޭ ހިދުމަތްތަކެވެ.
"1500 ހެލްޕް" ނަމުގައި ހެދި އެ ސާވިސް ސެންޓަރުން އިތުރަށް ދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ދޭ ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ސާފުކޮށްދިނުމާއި ހިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްވުމުގައި ދައްޗެއް ދިމާވެއްޖެ ހާލަތުގައި، ޗެކްކޮށް ދިނުން ވެސް ހިމެނޭ ކަމަށެވެ. ހަމައެއާއެކު ހައްލު ނުކުރެވި ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގައި އެ ސެންޓަރުން އެހީތެރިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ވެސް އެ މިނިސްޓްރީގެ ހިދުމަތަކަށް އެދި އޮންލައިން ކޮށް ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމާއި އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ސާވިސް ސެންޓަރު ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން ހަވީރު 5:00 އަށެވެ.