ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ތިލަމާލެ ބްރިޖުގެ އެންމެ މުހިންމު ސާވޭ ކަމަށްވާ ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ތިލަމާލެ ބްރިޖަކީ މާލެއާއި، ވިލިމާލެއާއި، ތިލަފުށީގެ އިތުރުން ގުޅިފަޅު ގުޅާލުމަށް ހަދާ ބްރިޖެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ ހެދުމަށް ބައެއް ސާމާނު ވަނީ މިހާރު ގެނެސްފައެވެ.
މި ސާވޭގެ މަސައްކަތްތައް ފެށުމަށްޓަކައި ބްރިޖުގެ މަސައްކަތަށް ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާ ކޮށި ކުރިމައްޗަށް އޮންނަ ބިން ވަނީ އެއްކޮށް ހުސްކޮށްފައެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން މިއަހަރު ފެބްރުއަރީ 22 ގެ ނިޔަލަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި، ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅު މި ސަރަހައްދުތަކުގެ ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިިވާ ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
6.695 ކިލޯމީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް މި ސަރުކާރުން ބުނާއިރު، ތިލަމާލެ ބްރިޖްގެ މަސައްކަތް މި އަހަރު ކުރީކޮޅު ފަށާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ބްރިޖްގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.
ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.