އޮސްޓްރޭލިއާގައި ފީފާއެއްގެ ތެރެއިން، މަރާލާފައި އޮތް ކުޑަކުއްޖަކު ފެނުނު މައްސަލާގައި، ފިރިހެނަކާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.

މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ބްލޫ މައުންޓަންސް ސަރަހައްދުން ގެއްލުނު، އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ކަމަށް ގަބޫލު ކުރެވެއެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ، ކައިރި ހިސާބުތައް ހޯދަމުން ދިޔަ އޮފިސަރުންތަކަކަށެވެ.

އޮސްޓްރޭލިއާގެ ފުލުހުން ހަބަރު ދޭ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވަނީ، އުމުރުން 31 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ.

ޝަރުއީ ސަބަބުތަކަށްޓަކާ އަންހެން ކުޑަ ކުއްޖާގެ ވަނަވަރު ހާމަ ކުރެވެން ނެތް އިރު، އެ ކުއްޖާ ގެއްލުނީ، މަންމައާއެކު ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ.

އޮސްޓްރޭލިއާގެ ފުލުހުން ވަނީ، ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށް ބުނެފައެވެ.

މި ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް، އިތުބާރު ހިފޭ މީޑިއާއަކަށް އަދި ތިލަވެފައެއް ނުވެއެވެ.