އުކުޅަހު ބަނދަރު މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން އުކުޅަހު ބަނދަރު މަޝްރޫއުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނީ އުކުޅަހު ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 92 ޕަސެންޓް ވަނީ ނިމިފައި ކަމަށާއި މި މަހުގެ 12 ވަނަ ދުވަހު ވަނީ މިހާރު ހުރި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް ފަށައިފާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އުކުޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.