ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހަކަތަ، ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އަށް ދެން ފޯރުކޮށްދެވޭނީ، ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމުން އެކަނި ކަމަށް، ސްރީލަންކާގެ ހަކަތައާ ބެހޭ ވަޒީރު އުދައްޔާ ގައްމަންޕިއްލާ، އެ ގައުމުގެ މިނިސްޓްރީ އޮފް ޕަވާ އަންގަވައިފިއެވެ.

ހަކަތައާ ބެހޭ ވަޒީރު ގައްމަންޕިއްލާ ވަނީ، ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ ހަކަތައިގެ ދަތިކަމާ ބެހޭ ގޮތުން އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށާ، ޖެނުއަރީ 16 އިން ފަށައިގެން، ޑޮލަރާއި ނުލާ ސީއީބީއަށް ހަކަތަ ފޯރުކޮށްދެވެން ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ހަކަތައާ ބެހޭ ވަޒީރު ގައްމަންޕިއްލާ މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި ވާ އިރު، މިނިސްޓާ އޮފް ޕަވާ، ގަމިނީ ލޮކުގެ ވަނީ، ޖެނުއަރީ 22 ގެ ނިޔަލަށް ހަކަތަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ބެހޭ ގޮތުން މިއަދުގެ ވަގުތެއްގައި މަޝްވަރާ ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ގައްމަންޕިއްލާ ވިދާޅުވީ، ހަކަތަ ނުލިބުމުގެ ސަބަބުން ހުސްވި ހަފުތާ ތެރޭގައި ސީއީބީގެ ގިނަ ޕްލާންޓްތަކެއް ބަންދު ކުރަންޖެހުނު ކަމަށެވެ. އަދި ޕްލާންޓްތައް އަލުން ހިންގަން ފެށުމަށް، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) މެދުވެރިކޮށް، 3000 މެޓްރިކް ޓަނުގެ ޑީސަލް ފޯރުކޮށްދީފައި ވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ގައްމަންޕިއްލާ އިތުރަށް ވިދާޅުވީ، ސީއީބީ ޑޮލަރު ފޯރުކޮށްދީފިނަމަ، ޕެޓްރޯލިއަމް އެތެރެކޮށް، ސަޕްލައި ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާ، އެކަމަށް ހަފުތާއެއްހާ ދުވަސް ހޭދަ ވާނެ ކަމަށެވެ.

ސީއީބީއަށް އިތުރަށް ފޯރުކޮށްދޭނެ ހަކަތައިގެ ސަޕްލައިއެއް ސީޕީސީގައި ނެތް ކަމަށާ، ސީއީބީއަށް ހަކަތަ ފޯރުކޮށްދީފިނަމަ އުޅަނދުތައް އޮޕަރޭޓް ކުރާނެ ހަކައެއް ނުހުންނާނެ ކަމަށްވެސް ހަކަތައާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަކަތައިގެ ސަޕްލައި ނެތް ނަމަ 2 ގަޑިއެއް ހާ އިރަށް ކަރަންޓު ކަނޑާލައިގެން ހާލަތު މެނޭޖު ކުރެވިދާނެ ކަމަށާ، ނަމަވެސް އެފަދަ ކަމަކީ އުޅަނދު ފަހަރުގެ ދަތުރުފަތުރަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ޕެޓްރޯލް ސްޓޭޝަނަށްވެސް އޮތީ 2 ގޮތެއް ކަމަށެވެ. އެއީ ހަކަތަ ހުރި ކަމަށް ނުވަތަ ނެތް ކަމަށް ޑިސްޕްލޭ ކުރުން ކަމަށާ، އެ ދެމެދުން ދޭނެ ވަކި ހިދުމަތެއް ނޯންނާނެ ކަމަށެވެ.

އިގުތިސޯދީ އަދި މާލީ އަނދަވަޅަކަށް ވެއްޓިފައި ވާ ސްރީލަންކާގެ ހާލަތު ސިފަ ކޮށްދެއްވަމުން ގައްމަންޕިއްލާ ވިދާޅުވީ، ހަކަތައިގެ އުޖޫރައިގެ ގޮތުގައި ސީއީބީއިން ސީޕީސީއަށް 9.2 ބިލިއަން ސްރީލަންކަން ރުޕީޒް ދައްކަން ޖެހޭ ކަމަށާ، ހަކަތައިގެ ފީގެ ގޮތުގައި ސްރީލަންކަން އެއާލައިންސްއިންވެސް 6.5 ބިލިއަން ސްރީލަންކަން ރުޕީޒް ދައްކަން ޖެހޭ ކަމަށެވެ. މި 2 ކުންފުންޏަކީވެސް ދައުލަތުގެ 2 ކުންފުންޏެވެ.

މި މޭރުމުން ގައްމަންޕިއްލާ ވިދާޅުވީ، ސްރީލަންކަން އެއާލައިންސްއިން ޑޮލަރު ދީފައި ވާ ކަމަށާ، ނަމަވެސް ސީއީބީއިން އަދިވެސް އެފަދަ ޑޮލަރެއް ލިބިފައި ނުވާ ކަމަށެވެ.