"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތް ފަށަން އިންޑަސްޓްރިއަލް ވިލެޖުގެ ބިމެއް ހުސް ކޮށްފިއެވެ.

ކަޅުތުއްކަލާ ކޮށީގެ ކުރިމައްޗަށް ވާގޮތަށް އިންޑަސްޓްރީއަލް ވިލެޖުން ބޮޑުތަކުރުފާނު މަގާ ދިމާއަށް ކުރިން ޓިނު ޖަހާފައި އޮތް ހުސްބިން މިހާރު ވަނީ އެއްކޮށް ހުސްކޮށް އެ ޓިނުތައް ވެސް ވަނީ ނަގާފައެވެ. އެތަން ހުސްކޮަށްފައި ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކަށަވަރު ކޮށްދީފައި ވީ ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ފައްޓާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

މާލެ-ތިލަފުށި ލިންކް މަޝްރޫއާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން ފެބްރުއަރީ 22، 2022 ގެ ނިޔަލަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި، ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅު މި ސަރަހައްދުތަކުގެ ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިިވާ ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް މި ސަރުކާރުން ބުނާއިރު، ތިލަމާލެ ބްރިޖްގެ މަސައްކަތް މި އަހަރު ކުރީކޮޅު ފަށާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖްގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.