އދ. މަންދޫ ކައިރީ ފަރެއްގައި ޑައިވް ކުރަން އުޅެނުކޮށް ގެއްލުނު ފަތުރުވެރިޔާގެ މަރުވެފައިވާ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ މަންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އުމުރުން 69 އަހަރުގެ އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން ފަތުރުވެރިއަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ މެންދުރު ފަހު 15:55 އެހާކަންހާއިރު ކަމަށެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދުގެ މެންދުރު ފަހު 15:10 އެހާކަންހާއިރު ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުނާއި ކޯސްޓްގާޑު ޝިޕް "ޝަހީދު އަލީ" އާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ވެލާނާ" ވަނީ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ހަމަ އެއާއެކު ސާފަސް ސާޗާއި، ޑައިވްކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު އެ މަސައްކަތުގައި އެ ސަރަހައްދުގެ ރިސޯޓުތަކުގެ ޑައިވަރުންގެ އެހީތެރިކަން ލިބުނު ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު ވައިގެ މަގުންވެސް އޭނާ ފެނޭތޯ ވަނީ ބަލާފައެވެ.