މާލެ ސިޓީގެ ފާރުތަކުގައި ކުރަހާފައި ހުރި ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރިއަށް ދަނީ ދިވެހި ފުލުހުންނާއި ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.

މުއިއްޒު ހިއްސާ ކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގައި ހުރި ގްރެފިޓީތަކުގައި ބިދޭސީން ކުލަ ލުމުގައި ހަރަކާތްތެރި ވަމުން ދާއިރު ފުލުހުންނާއި ސިފައިން އެ ސަރަހައްދުތައް މޮނީޓާ ކުރަމުން ދާ މަންޒަރު ފެނެއެވެ.

ފުލުހުންނާއި ސިފައިން މާލެ މަގުތައް މޮނިޓާ ކުރަމުން ދާއިރު، ދާދި ފަހުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގައި އަމާންކަމާއި ރައްކާތެރިކަން ޔަގީންކަން ކުރުމުގެ ގޮތުން ސިފައިންނާއި ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ.

އެމްއެންޑީއެފުން އެ އޮޕަރޭޝަންގެ ވާހަކަތައް އާއްމުކުރިތާ މާގިނައިރެއް ނުވެ މާލޭގެ ބައެއް ސަރަހައްދުތަކުގަައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ ތަން އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް މި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް ތަނެއް ފާސްކޮށް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މި އޮޕަރޭޝަނީ ޓެރަރިޒަމް ހަމަލާއެއް ދީފާނެތީ ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައްކަމުން ދިޔަ ވާހަކަތައް ފުލުހުން ވަނީ ދޮގު ކޮށްފައެވެ.