ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް މިއަދު ފަށައިފިއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތްތައް މިއަދު ފަށާފައި ވާއިރު، އެ މަޝްރޫއު އިއުލާނު ކޮށްފައި ވަނީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައެވެ.

ނަމަވެސް މި މަޝްރޫއު އިއުލާނު ކުރި އިރު، ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި މި މަޝްރޫއެއް ނެތެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ސަރުކާރުން ހަވާލުކުރީ މިމަހުގެ 12 ވަނަ ދުވަހު، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 249.9 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރިތާ ދެ ދުވަސް ފަހުން މި މަޝްރޫއު ހަވާލުކުރި އިރު، މި މަޝްރޫއު ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

  • ކޮމަންޑޫގައި 1.69 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންގެ މަސައްކަތް
  • މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތް
  • މަތިކޮމަންޑޫގައި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮށްޓަކާއި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށްޓެއް ގާއިމްކުރުން
  • 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑުއާއި މަތިކޮމަންޑޫ ހިއްކާ ސަރަހައްދު ގުޅާލުން
  • މި މަޝްރޫއަށް ބޭނުންވާ އީއައިއޭ ތައްޔާރުކުރުން

މިއަދު ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތްތައް ފަށާފައި ވާއިރު، އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މިދިޔަ މަހު އިއުލާނު ކޮށްފައެވެ. އެ ދާއިރާއަށް ވާދަކުރަނީ ސަރުކާރު ޕާޓީ އެމްޑީޕީއާއި، އެމްއެންޕީގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނެވެ. އެމްޑީޕީއާ ވާދަކުރާ ދެ ޕާޓީންވެސް ވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.