2021 ވަނަ އަހަރު ނިމެން ދަނިކޮށް ފުރަތަމަ ފަހަރަށް ދެކުނު އެފްރިކާއިން ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓުގެ ރާޅު ބޮޑުވަމުން އަންނައިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފަރުވާގެ ލިސްޓަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2 ޑްރަގެއް އިތުރު ކޮށްފިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި މިހާތަނަށް ތަޖުރިބާ ކުރަން ޖެހިފައި ނުވާ ވަރުގެ ބިޔަ ރާޅެއް ދުނިޔޭގެ އެކި ހިސާބުތަކަށް ބިންދާލާފައި މި ދަނޑިވަޅުގައި، ކޮވިޑްގެ ފަރުވާއެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން އިތުރު ކުރި އެއް ޑްރަގަކީ ބެރިސިޓިނިބްއެވެ.

މިއީ ރުމަޓޮއިޑް އާތުރައިޓިސްގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް މިހާރުވެސް ބޭނުން ކުރަމުން އަންނަ ބޭހަކަށް ވާއިރު، ބްރިޓިޝް މެޑިކަލް ޖާނަލްގައި އާންމު ކޮށްފައި ވާ ގައިޑްލައިންގައި، ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުން ވަނީ، ކޮވިޑް-19ގައި ހާލު ކުރިޓިކަލް ވާ ޕޭޝަންޓުންނަށް ފަރުވާ ކުރުމުގައި، ކޯޓިކޮސްޓެރޮއިޑްސްއާ އެކު ބެރިސިޓިނިބް ބޭނުން ކުރުމަށް ލަފާ ދޭ ކަމަށެވެ.

މި ބޭހަކީ ވެންޓިލޭޓް ކުރަން ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ބޭހެއް ކަމަށާ، އަދި ހާލަތު އިތުރަށް ގޯސްވުމުގެ ނިޝާނެއް ނުފެނި، ބަލި މީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދޭ ކަމަށް ހޯދުންތަކުން ދައްކާފައި ވާ ބޭހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯއިން ވަނީ، ތަޖުރިބާގެ މަރުހަލާގައި ވާ މޮނޯކްލޯނަލް އެންޓިބޮޑީ ޓްރީމަންޓެއް ކަމަށް ސޮޓްރޮވިމާބް، ވަކި އުސޫލެއްގެ ދަށުން ބޭނުން ކުރުމަށްވެސް ލަފާ ދީފައެވެ. މި ބޭހަކީ ހޮސްޕިޓަލުގައި އެޑްމިޓްކުރާ ކޮވިޑް-19ގެ ހައި ރިސްކު ޕޭޝަންޓުންގެ ތެރެއިން، ބަލި ހާލު ސީރިއަސް ނޫން މީހުންނަށް ހާއްސަ ކޮށްފައި ވާ ބޭހެއް ކަމަށް މައުލޫމާތު ލިބެއެވެ. މޮނޯކްލޯނަލް އެންޓިބޮޑީޒް އަކީ، އިންސާނގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ނަކަލު ކުރާ ގޮތަށް، ލެބުގައި އުފައްދާފައި ވާ ކޮމްޕައުންޑްތަކެކެވެ.

މި ދަނޑިވަޅަކީ އޮމިކްރޯން ވޭރިއަންޓާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. އެގޮތުން ހުސްވި ހަފުތާއަކީ ރެކޯޑު ހަފުތާއެކެވެ. މިދިޔަ ހަފުތާގައި އެކަނިވެސް 15 މިލިއަނަށް ވުރެ ގިނަ ކޮވިޑް ކޭސް، ދުނިޔޭގެ ކަންކޮޅުތަކުން ރިޕޯޓް ކޮށްފައި ވާއިރު، މިއީ އެއް ހަފުތާގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރި ހަފުތާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮވިޑް-19ގެ ފަރުވާގެ ލިސްޓަށް، ޑަބްލިއުއެޗްއޯއިން ޑްރަގްތަކެއް އިތުރު ކޮށްފައި މިވަނީ، 7 ތަހުލީލެއްގެ އާ ނަތީޖާތަކަކަށް ރިއާޔަތް ކޮށެވެ. މި ތަހުލީލީ ދިރާސާތަކުގައި 4000 އަށް ވުރެ ގިނަ ޕޭޝަންޓުން ބައިވެރި ކޮށްފައި ވެއެވެ.