ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދިއްޖެއެވެ.
ކްރިމިނަލް ކޯޓުގައި އޮތް މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެދި އެމަނިކުފާނުގެ ވަކީލުން އެދުމުން، ދައުލަތުން އެކަމަށް ދެކޮޅެއް ނަހަދައެވެ. ނަމަވެސް އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ ޔޫސުފް ނައީމްގެ ފަރާތުން ވަނީ ޝަރީއަތް ލައިވް ކުރުމަށް ދެކޮޅު ހަދައި، ޝަރީއަތް ލައިވް ކުރާ ނަމަ، އޭނާގެ ބައި އުނިކޮށްދިނުމަށް އެދިފައެވެ. އެކަމަކު ދައުލަތުން ބުނީ ދައުވާ ވަކި ނުކުރެވޭނެ ކަމަށެވެ.
ދައުލަތުން ބުނީ، ސިއްރު އަޑުއެހުންތައް ފިޔަވައި ސުޕްރީމް ކޯޓުން އެހެން އަޑުއެހުންތައްވެސް ލައިވް ކުރާ ކަމަށާއި، އެހެންކަމުން ދައުވާ ލިބޭ ފަރާތުން އެދުމަކީ ޝަރީއަތް ލައިވް ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އެއާއެކު، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އެ މައްސަލާގައި ނުލިބިވާ ލިޔުންތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކޯޓަށް އެންގެވުމަށް އެދޭ ކަމަށެވެ. އަދި ޝަރީއަތް ލައިވް ކުރާ ނަމަ، އެ ދުވަހެއްގެ ކުރިން އަންގާނެ ކަމަށެވެ.
އެ މައްސަލާގައި ދެން އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ. އެދުވަހު އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީ ވުމެވެ.
އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.
ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
މި ދެ ދައުވާގެ ތެރެއިން ދައުވާއެއް ޔާމީންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.