އިންޑިއާގެ އައްސާމް ސްޓޭޓްގެ ގުވާހަތީގައި ވައްކަން ކުރަން އުޅުނު މީހަކު، ވައްކަން ކުރަން ހުރެފައި ކިޗްޅީ ކައްކަނިކޮށް އަތުލައިގެންފިއެވެ.

އައްސާމްގެ ފުލުހުން، މި ވާހަކަ އާންމު ކުރުމާއެކު "ސީރިއަސް ބާގްލާ" ގެ ގޮތުގައި ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.

ހާދިސާ ހިނގި ވަގުތަކީ، ގޭގެ ވެރިން، އެ ގޭގައި ނެތް ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ. ވައްކަން ކުރަން ގެއަށް ވަދެ ހުރި މީހާ ހައްޔަރު ކުރީ، ކިޗްޅީ ކައްކަން އޭނަ އުޅުނު އަޑު، އަވަށްޓެރިންނަށް އިވި، ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

އައްސާމްގެ ފުލުހުން ކުރި ޕޯސްޓްގައި، ހަޖުލަކަށް މިކަން ހަދާ، ބުނެފައި ވަނީ، ކިޗްޅީއަކީ އޭގައި ކިތަންމެ ސިއްހީއެއް ފައިދާއެއް އެކުލެވޭ ކެއުމަކަށް ވީ ނަމަވެސް، ވައްކަމެއްގެ ތެރޭގައި ކިޗްޅީ ކައްކަން އުޅުމަކީ ނަފުސަށް ގެއްލުންދެނިވި ކަމަކަށް ވެދާނެ ކަމަށެވެ.

ކިޗްޅީއަކީ މުގު ބާވަތްތަކާއި ހަނޑޫ ބޭނުން ކޮށްގެން ދެކުނު އޭޝިއާގައި ތައްޔާރު ކުރާ، ހަށިގަނޑަށް ފައިދާ ހުރި ކެއުމެކެވެ. ޅަފަތުގައި ދަރިފުޅަށް ކާންދޭން ފަށާއިރުވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އެންމެ ފުރަތަމަ ދޭ ބާވަތްތަކުގެ ތެރޭގައި ކިޗްޅީ ހިމެނެއެވެ.