ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގައި ތަންފީޒު ކުރަމުން ދިޔަ ލޮކްޑައުން އަމުރާ ހިލާފަށް، ޑައުނިންގް ސްޓްރީޓް ބަގީޗާގައި ކުރިއަށް ގެންދިޔަ ޕާޓީއަކަށް ވަޑައިގެންނެވި މައްސަލާގައި، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.

2020 ވަނަ އަހަރު އޮތް އިވެންޓާ ގުޅިގެން ކަންކަން ކުރެއްވުނީ އެންމެ ރަނގަޅަށް ނޫންކަމަށް ވިދާޅުވެ، ޖޯންސަން ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި އެކަމާ، އާންމުންގެ މެދުގައި އުފެދިފައި ވާ ނަފްރަތާއި ރުޅިވެރިކަމުގެ ގިނި ފަހުމްވެވަޑައިގަންނަވާ ކަމަށްވެސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ އިސް މެންބަރުންވެސް ގެންދަވަނީ ޖޯންސަންގެ އިސްތިއުފާއަށް ގޮވާލައްވަމުންނެވެ. އޭގެ ތެރޭގައި ޓޯރީ ލީޑަރު ޑަގްލަސް ރޮސް، މަޖިލިސް މެންބަރުން ކަމުގައި ވާ ވިލިއަމް ވްރެގް، ކެރޮލައިން ނޯކްސް އަދި ރޮޖާ ގޭލް ފާހަގަ ކުރެވެއެވެ.

މަޖިލިސް މެންބަރު ޑަގްލަސް ރޮސް ވަނީ، ބޮޑުވަޒީރު ކަމުގައި ދެމި ހުންނެވުމަށް ޖޯންސަންގެ މައްޗަށް އިތުބާރު ގެއްލިފައި ވާ ކަމުގެ ވޯޓަކަށް އެހުމަށް ދަފުތަރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޖޯންސަންއަކީ ބޮޑުވަޒީރު ކަމަށާ، ގަވައިދުތައް ކަނޑައަޅަނީވެސް ޖޯންސަންގެ ސަރުކާރުން ކަމަށާ، އޭނާގެ އަމަލުތަކަށް އޭނާ ޖަވާބުދާރީ ކުރުވެން ޖެހޭނެ ކަމަށްވެސް އެމްޕީ ރޮސް ވިދާޅުވިއެވެ.

ޖޯންސަންއާ އެއް ސިޔާސީ ފިކުރެއްގެ ގިނަ މެންބަރުންވެސް މިއަދު އޭނާ ބޭރު ކުރެއްވުމަށް އަމާޒު ހިއްޕަވާފައި ވާ އިރު، ކުށަށް އިއުތިރާފުވެވަޑައިގަތުމަކީ ވެރިކަމުގައި އިތުރު ވަގުތު ކޮޅެއް ޖޯންސަންއަށް ލިބިދޭނެ ސަބަބެއް ކަމަށް ގަބޫލު ކުރެވެއެވެ.

މަޖިލިސް ކުރާ ގޭގައި، ކުށަށް އިއުތިރާފުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޖޯންސަން ވަނީ އެ ހަފުލާއަށް ވަޑައިގެންނެވީ 25 ވަރަކަށް މިނެޓަށް ކަމަށާ، އެއީ އިވެންޓް އިންތިޒާމް ކުރި ފަރާތްތަކަށް ޝުކުރު އަދާ ކުރެއްވުމަށް ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެ ދުވަހު ކުރައްވަންވީ ކަމަކީ، ހަފުލާގައި ތިބި އެންމެން އަނބުރާ ފޮނުވާލެއްވުން ކަމަށްވެސް ޖޯންސަން ވަނީ ވިދާޅުވެފައެވެ.