ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ށ. ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، މިމަހުގެ ހަތްވަނަ ދުވަހުގެރޭ އިއުލާނު ކުރައްވާފައެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަންވަރު އަލީ ސޮއިކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

  • ކޮމަންޑޫގައި 1.69 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންގެ މަސައްކަތް
  • މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތް
  • މަތިކޮމަންޑޫގައި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮށްޓަކާއި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށްޓެއް ގާއިމްކުރުން
  • 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑުއާއި މަތިކޮމަންޑޫ ހިއްކާ ސަރަހައްދު ގުޅާލުން
  • މި މަޝްރޫއަށް ބޭނުންވާ އީއައިއޭ ތައްޔާރުކުރުން

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 249.9 މިލިއަން ރުފިޔާއަށެވެ.

ސަރުކާރުން އެ މަޝްރޫއު އިއުލާންކުރީ، ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް ބައި އިލެކްޝަން އިއުލާންކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން އާންމުންނާއި މި އިންތިހާބުގައި ވާދަކުރާ ޕާޓީތަކުގެ ފަރާތުން ސަރުކާރަށް ފާޑުކިއުން އަމާޒުވެފައިވެއެވެ.