އަނެއްކާވެސް ރާއްޖޭގައި އާންމުން ދިރިއުޅޭ ރަށެެއްގައި ފަތުރުވެރިން ބިކިނީ ލައިގެން ރަށުތެރޭގަައި އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ފަހަރު މި މައްސަލަ ފެނުނީ ކ. ގުރައިދޫ އިންނެވެ. އެ ރަށުގައި ފަތުރުވެރިންތަކެއް ގަވާއިދާ ހިލާފަށް ހެދުން އަޅައި ރަށުތެރޭގައި އުޅުމު މައްސަލަ އަކާ ގުޅިގެން އެރަށު ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. ގުރައިދޫ ކައުންސިލުން ބުނީ، އެ ރަށުގެ ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިން ގަވާއިދާ ހިލާފަށް ރަށުގެ އެކި ސަރަހައްދުތަކުގައި ބިކީނީގައި ތިބޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން ދާ ކަމަށާއި އެކަންކަން ހައްލު ކުރެވޭނީ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ފަތުރުވެރިންނަށް އެކަން އަންގައި ޒިންމާ ނެގުމުން ކަމަށެވެ.

ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްްޓްހައުސް ހިންގުމާ ބެހޭ ގަވާއިދުގެ 27 ވަނަ މާއްދާގެ (ޅ) ގެ ދަށުން އާންމުން އުޅޭ ތަންތަނުގައި ފަތުރުވެރިން އެފަދަ އަންނައުނު ލައި ނުވަތަ "ބަރަހަނާ" ހާލުގައި އުޅުމަކީ މަނާކަމެކެވެ. ގުރައިދޫ ކައުންސިލުން ބުނީ، ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިން ރަށުތެރޭގައި އުޅޭ އުޅުމުގައި ހެދުން އަޅަން ޖެހޭ އުސޫލުތައް ފަތުރުވެރިންނަށް އަންގައި ދިނުމަކީ ގެސްޓްހައުސްތަކުގެ ޒިންމާއެއް ކަމުގައެވެ.

ގުރައިދޫގެ އިޖުތިމާއީ ހަމަޖެހުމާއި، ކުދިބޮޑު އެންމެހާ ފަރާތްތަކަށް އެކަށީގެންވާ މާހައުލެއްގެ ގޮތުގައި އެ ރަށް ބޭއްވުމަކީ ކައުނސިލުގެ އެދުމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން ގުރައިދޫގެ އެންމެހައި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހެދުން އަޅަން ޖެހޭ އުސޫލު އަންގައި، އެފަދަ ކަންކަން ހުއްޓުވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ގުރައިދޫގައި މިފަދަ މައްސަލައެއް ފެންމަތުވެގެން އައިސްފައިވާ އިރު އދ. ދަނގެތީގައި ވެސް ގޮނޑުދޮށުގައި ބިކިނީ ލައިގެން ފަތުރުވެރިން އުޅުނު މައްސަލައެއް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ.