2022 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ 02:00 ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެވޯޑުގެ މަގްސަދަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ވަޒަންކުރުން ކަމަށެވެ. އަދި މުޖުތަމައުގައި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި ޖަމިއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމުއިއްޔާ ޖަމާއަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުއުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިނިސްޓްރީންނާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސާވިސް ސެންޓަރުތަކުންވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.