އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ، ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ޝަރީއަތް ކެންސަލް ކޮށްފިއެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކްރިމިއަނަލް ކޯޓުގައި ތާވަލް ކުރީ ހެނދުނު 09:00 އަށެވެ. މިއަދުގެ އަޑުއެހުން ކެންސަލް ވެފައި ވަނީ ދިފާއީ ވަކީލު އެހެން މައްސަލައެއްގެ އަޑުއެހުމެއް އެގަޑީގައި އޮތްކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.

މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން ތާވަލް ކުރި އަޑުއެހުމެކެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ވަނީ ދެ މީހެއްގެ މައްޗަށް އުފުލާފައެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްއެވެ. އަދި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލައިފާ ވަނީ ގަސްތުގައި މީހަކު މެރުމަށް އެހީތެރިވުމުގެ ދައުވާއެވެ.

އާގިލް މަރާލާފައި ވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރެ އެވެ. އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތުއެވެ.