ހުސްވި ހަފުތާގައި އިޓަލީވިލާތުން އައި 2 ފްލައިޓަކުން ދަތުރުކުރި ގިނަ އަދަދެއްގެ ފަސެންޖަރުންތަކެއް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވުމާ ގުޅިގެން، ޓެސްޓުތަކުގައި މައްސަލަތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއެކު، އިންޑިއާގެ ޕްރައިވެޓް ލެބެއް ތަހުގީގު ކުރުމުގެ މަސައްކަތް، އެ ގައުމުގެ އޮފިޝަލުން ފައްޓަވައިފިއެވެ.
އިޓަލީ ވިލާތުގެ ރޯމްއިން އަމްރިތުސާއަށް ދަތުރު ކުރި 173 ފަސެންޖަރަކާ، މިލާންއިން އަމްރިތުސާއަށް ދަތުރު ކުރި 125 ފަސެންޖަރަކު ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ވަނީ ދައްކާފައެވެ. އޭގެ ތެރެއިން 30 މީހަކު، 2 ވަނަ ފަހަރަށް އެއާޕޯޓްގައި ޓެސްޓު ކުރި ކަމަށާ، ނަމަވެސް 2 ވަނަ ފަހަރަށް ހެދި ޓެސްޓުން ޕޮޒިޓިވް ކަމަށް ދައްކާފައި ވަނީ އެންމެ 3 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
ސްޕައިސްހެލްތުގެ ނަމުގައި އޮޕަރޭޓް ކުރަމުން ދިޔަ ލެބުން ދެމުން ދިޔަ ހިދުމަތްތައް ބޭނުން ކުރުން ހުއްޓާލާފައި ވާ ކަމަށް އެއާޕޯޓް އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
އެއާޕޯޓް ޑައިރެކްޓާ ވީކޭ ސެތު ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ އާލާތްތައް އުފެއްދުމުގައި މައްސަލަތަކެއް ހުރެގެން ކަމުގައި ވަނީ ނަމަ އަމަލު ކުރަން ޖެހޭ ވަކި އުސޫލުތަކެއް ހުންނަ ކަމަށާ، މައްސަލަ ދިމާވީ މީހުންނަށް ހެދުނު ގޯހަކުން ނުވަތަ އިޖުރާއަތުގެ މައްސަލައަކުން ކަމުގައި ވަނީ ނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ.
އަމްރިތުސާގެ ސިވިލް ސާޖަން ޑރ ޗަރަންޖީތު ސިންހް ވިދާޅުވީ، މެޝިންގެ ކޮންޓްރޯލްތައް އެންމެ އެކަށީގެން ވާ ގޮތުގައި މަސައްކަތް ނުކުރާކަމަށް، އިބްތިދާއީ ހޯދުންތަކުން ދައްކާ ކަމަށެވެ. އަދި އެންމެ މަތީ ފަންތީގައި މި ތަހުގީގުތައް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ ސިންހް ވިދާޅުވީ، ސްޕައިސްހެލްތު ލެބަކީ، ކޮވިޑްގެ ހައިރިސްކު ގައުމުތަކުން ދަތުރު ކުރާ ފަސެންޖަރުން، އިންޑިއާ ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް، ބައްޔަށް ޓެސްޓު ކުރުމަށް، ޑިސެމްބަރު 15، 2021 ވަނަ ދުވަހު، އެއާޕޯޓްސް އިންޑިއާ އޮތޯރިޓީއިން އައްޔަން ކުރި ލެބެއް ކަމަށެވެ.
މި ދަނޑިވަޅަކީ ކޮވިޑް-19ގެ 3 ވަނަ ރާޅެއް، އިންޑިއާއަށް ބިންދާލާފައި ވާ ދަނޑިވަޅެކެވެ. މި ފަހަކަށް އައިސް އެ ގައުމުން ކޭސް ރިޕޯޓް ކުރާ މިންވަރު 1 ލައްކައަށް ވުރެ މައްޗަށް އަރާފައި ވާއިރު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އިންޑިއާއަށް މިހާރު ކުރަމުން ދަނީ އޮމިކްރޯން ވޭރިއަންޓުގެ އަސަރެވެ.
ރާއްޖޭގައިވެސް ކޮވިޑު ޓެސްޓު ބޭނުންކުރަނީ ޓެގުޓީމަށް ރުފިޔާ ހޯދާ ވަޞީލަތަކަށް. ރާއްޖޭގެ ގިނަ ބަޔަކު ޤަބޫލުކުރަނީ މިއީ އާމްދަނީ ވަރަށް ރަނގަޅު ވިޔަފާރިއެއް ކަމަށް.