ރ. މާކުރަތުގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ނުގޮސް ގިނަ ދުވަސްވަމުން ދާތީ އެރަށު ޒުވާނުން ނުކުމެ އެ ދަނޑުގައި ކަރާ އިންދައިފިއެވެ.

މާކުރަތުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޓާފް ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިންމާ 1 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް އެ ދަނޑުގައި ޓާފް އެޅުމަށް ހަވާލުކުރީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ. އަދި ސަބްބޭސް ނިންމާ ގިނަ ދުވަސްތަކެއް ވެފައި ވާތީ އެ ސަބްބޭސް ސާފުކޮށް މަރާމާތުކުރަން ޖެހޭ ކަންކަންވެސް ހަވާލުކޮށްފައި ވަނީ އެ ކުންފުންޏަށެވެ.

ސެޕްޓެމްބަރު 27، 2020 ގައި ރ.ދުވާފަރު، ޅ. އޮޅުވެލިފުށި އަދި ރ. މާކުރަތުގެ ޓާފު ދަނޑުގެ މަސައްކަތް ވީއޭއެމްކޯއާ ހަވާލުކޮށްފައި ވަނީ 9 މިލިއަން ރުފިޔާއަށް 120 ދުވަސް ތެރޭގައި އެ 3 ދަނޑުވެސް ނިންމުމަށެވެ. އޭގެ ފަހުން އެއް އަހަރު ފާއިތުވެގެން ދިޔަ އިރުވެސް މި މަސައްކަތް ވަނީ ނުފެށިއެވެ.

މާކުރަތު ޓާފް ދަނޑުގައި ކަރާ އިންދަނީ

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ރ. މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒު ވިދާޅުވީ ޓާފް ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިމި ގިނަ ދުވަސްތަކެއް ވީ ފަހުން ޓާފް އެޅުމަށް ވީއޭއެމްކޯއަށް ހަވާލުކުރި ކަމަށާއި ސަބްބޭސް ސާފުކޮށް މަރާމާތު ކުރުމަށް 4 ލައްކަ ރުފިޔާ އިތުރަށް އެ ކުންފުންޏާ ހަވާލުކުރި ކަމަށެވެ. އަދި އެ ކުންފުނިން މާކުރަތުން ބަޔަކު ނަގައިގެން 30،000 ރުފިޔާ އެ މީހުންނާ ހަވާލުކޮށްގެން ސަބްބޭސް އެއްކޮށް ސާފުކުރި ކަމަށާއި އޭގެ ފަހުން މިހާރު އޮތީ އަނެއްކާ ސާފުކުރާ ވަރަށް ވިނަތައް ދިގުވެފައި ކަމަށް ރަމީޒު ވިދާޅުވިއެވެ. ރަމީޒު ވިދާޅުވީ ކޮންމެ ހަފްތާއަކުވެސް އެ ކުންފުންޏާ ގުޅަމުން އަންނަ ކަމަށާއި އަބަދުވެސް ވަރަށް އަވަހަށް ދާނެ ކަމަށް ބުނަމުން އަންނަ ކަމަށެވެ.

"ހަފްތާއަކު އެއްފަހަރު އަޅުގަނޑުމެން އެބަ ގުޅަން، މިދަނީ މިދަނީ ކިޔައިގެން އެ މީހުން ހަދަނީ ދޮގު"
މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒު

މިނިސްޓްރީއިން ބުނަމުން އަންނަނީ ވީއޭއެމްކޯގެ މަސައްކަތްތައް ގިނަ ކަމުން ނާދެވެނީ ކަމަށްވެސް ރަމީޒު ވަނީ ވިދާޅުވެފައެވެ. ރަމީޒު ވިދާޅުވީ ވީއޭއެމްކޯއިން ދުވާފަރު ދަނޑުގެ މަސައްކަތް ނިންމާފައި ވާއިރު އެ ރަށަށް ފަހު މާކުރަތުގެ މަސައްކަތް ކުރަން ކުރިން ނިންނި ނަމަވެސް އެ ރަށުގެ މަސައްކަތް ނިންމުމަށް ފަހު ވީ ނުވީއެއް ނޭނގޭ ކަމަށެވެ.

މާކުރަތު ޓާފް ދަނޑުގައި އިނދި ގަސްތަކަށް ފެންދެނީ

ދަނޑުގެ މަސައްކަތް ލަސްވަމުން އަންނާތީ މާކުރަތުގެ ޒުވާނުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދުވަސްތަކެއް ވަންދެން އެ މީހުން ނުރުހުން ފާޅުކޮށްފައި ވާއިރު މިދިޔަ އާދިއްތަ ދުވަހު އެ ރަށު ޒުވާނުން ވަނީ ހިމޭން އިހުތިޖާޖެއްކޮށް، އެ ދަނޑުގައި ކާބޯތަކެތީގެ ބާވަތްތައް އިންދާފައެވެ. މި އިހުތިޖާޖުގައި މާކުރަތު ކައުންސިލްގެ ނައިބު ރައީސް އަލީ އަޒްލީމްވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.

އަޒްލީމް ވިދާޅުވީ އެ ދަނޑުގައި ކަރާގެ އިތުރުން ކޮޕީ ގަސް އިންދައިފައި ވާނެ ކަމަށާއި ދަނޑުގައި ކަރާ އިންދަން ނިންމީ އެ ދަނޑުގައި ނުކުޅެވޭ ކަމަށް ވަނީ ނަމަ ރޯދައަށް ކަރާ ލިބުމަކީ ވެސް މާ އެދެވިގެންވާ ކަމެއް ކަމަށް ޒުވާނުންނަށް ފެންނާތީ ކަމަށެވެ. މީގެ އިތުރުން ދުވާލު ދެ އިރަށް އެ ގަސްތަކަށް ފެންދިނުމަށް ޒުވާނުން ނިންމާފައި ވާނެ ކަމަށް އަޒްލީމް ވިދާޅުވިއެވެ.

މާކުރަތު ޓާފް ދަނޑުގައި ޒުވާނުން ކުރި އިހުތިޖާޖު

އެ އިހުތިޖާޖުގައި ބައިވެރިވި މާކުރަތުގެ ޒުވާނުން ވަނީ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ޒުވާނުންގެ އަޑުއެއްސެވުމަށް ގޮވާލާފައެވެ. މީގެ އިތުރުން ކޮމަންޑޫ ބައި އިލެކްޝަންއާ ދިމާކޮށް އެ ރަށުގައި ޓާފް ދަނޑެއް އަޅާތީ އެކަމާވެސް މާކުރަތުގެ ޒުވާނުން ވަނީ ފާޑުކިޔާފައެވެ.

އެ އިހުތިޖާޖުގައި އިސްކޮން ހަރަކާތްތެރިިވި އަބްދުﷲ ނާޝިއު "ދަ ޕްރެސް" އާ ވާހަކަދައްކަމުން ބުނީ މާކުރަތަކީ ޗުއްޓީއާ ދިމާކޮށް ބޮޑު ފުޓުބޯޅަ މުބާރާތެއް ކުރިއަށް ގެންދާ ރަށެއް ކަމަށާއި އެހެންނަމަވެސް އެފަދަ މުބާރާތެއް ނުކުޅެވޭތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ނާޝިއު ބުނީ މާކުރަތު ޓާފު ދަނޑަކީ ޒުވާނުންގެ އުންމީދާ ގުޅިފައިވާ ދަނޑެއް ކަމަށާއި އެ ދަނޑު ނިމޭނެ ދުވަހަކަށް ޒުވާނުން އިންތިޒާރުކުރާ ކަމަށެވެ. ނާޝިއު ބުނީ ދަނޑުގެ މަސައްކަތް ލަސްވާނަމަ ޒުވާނުންގެ އިހުތިޖާޖުތައް އިތުރުވެގެން ދާނެ ކަމަށެވެ.

މާކުރަތު ޓާފް ދަނޑުގައި ގަސް އިންދަނީ

ނާޝިއު ބުނީ މަޖިލިސް އިންތިހާބުގެ ކުރިން މިހާރުގެ ދާއިރާ މެންބަރު ޒުވާނުންނާ ބައްދަލުކޮށް ކައުންސިލުން އޭރު ކުރިއަށް ގެންދިޔަ ފުޓުބޯޅަ މުބާރާތް އިތުރަށް ކުރިއެރުވުމަށް އެ މުބާރާތަށް ކުރާ ހަރަދުތައް ބޮޑުކޮށް، ދާއިރާގައި ދެން ހިމެނޭ އުނގޫފާރާއި ހުޅުދުއްފާރަށް ވެސް ބައިވެރިވެވޭނެހެން މުބާރާތް ފުޅާކުރާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. އެހެންނަމަވެސް ޒުވާނުންނަށް ވީ ވައުދު ފުއްދައިދިނުމަށް ދާއިރާގެ މެންބަރު އެއްވެސް ކަމެއް އަދި ކޮށްދެއްވާފައި ނުވާ ކަމަށްވެސް ނާޝިއު ވަނީ ބުނެފައެވެ.

ނާޝިއު އިތުރަށް ބުނީ 100 ދުވަސް ތެރޭގައި މާކުރަތު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާނެ ކަމަށް ވެސް ވައުދުވެވަޑައިގެން ކަމަށާއި އެ ދަނޑުގައި ނުކުޅެވޭތާ މިހާރު 3 އަހަރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ވީއޭއެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރަށް ސުވާލުކުރުމުން އޭނާ ވަނީ ސަބްބޭސްގެ މަސައްކަތް ނިމުނުހާ އަވަހަކަށް މާކުރަތަށް ދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ އިތުރު ތަފްސީލު ހޯދުމަށް ކައުންސިލަށް ގުޅުމަށް ބުނެ ޒުބައިރު ވަނީ ޖަވާބުދޭން ދެކޮޅު ހަދާފައެެވެ. އަދި މިކަމާ ގުޅިގެން ޔޫތް މިނިސްޓްރީގެ ބަހެއް ހޯދަން "ދަ ޕްރެސް" އިން ކުރިމަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.