އިންތިހާ ބިކަ ހާލުގައި ޖެހި، އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައި ވާ އަފްގާނިސްތާނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިންޑިއާއަށް ބޭނުންވާ އެއްބާރުލުމާ އެހީ ލިބޭނެ ކަމުގެ ޔަގީންކަން، އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އާމިރު ޢަބްދުﷲހިއާން ދެއްވައިފިއެވެ.

އީރާންގެ ހާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާ ފޯނުން ގުޅުއްވާ، ވާހަކަދައްކަވަމުން ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އަފްގާނިސްތާނުގެ މަސްރަހާ ބެހޭ ގޮތުން ވާހަކަދައްވަމުން އާމިރު ވަނީ، ހުރިހާ ފަރާތެއްގެ ޝާމިލުވުން އެކުލެވޭ ސަރުކާރެއް އަފްގާނިސްތާނުގައި އެކުލަވާލުމަށް ބާރު އަޅުއްވާފައެވެ. އަދި ގޮދަނާއި، ބޭސްފަރުވާއާ ކޮވިޑް-19 ވެކްސިންގެ ގޮތުގައި އިންޑިއާއިން އަފްގާނިސްތާނަށް ފޯރުކޮށްދޭ އެހީ، އެ ގައުމަށް ގެންދިއުމުގައި އީރާންގެ އެހީ ލިބޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުންގެ މުށުތެރެއަށް ގެންދިޔަ ފަހުން، އެ ގައުމުގައި އުފެދިފައި އޮތް އިންސާނީ ކާރިސާގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ. ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އަފްގާނިސްތާނު އެކަހެރި ކޮށްފައި ވާއިރު، އެކަމުގެ ސީދާ އަސަރު ފޯރަމުން ދަނީ އަފްގާނިސްތާނުގެ ރައްޔިތުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ދާދި ފަހުން ވަނީ އަފްގާނިސްތާނުގެ ރައްޔިތުންނަށް، 50000 މެޓްރިކް ޓަނުގެ ގޮދަނާ، ބޭސްފަރުވާގެ ސާމާނުގެ އިތުރުން 1 މިލިއަން ޑޯޒްއެއްގެ ކޮވިޑް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. މީގެ ކުރިންވެސް އިންޑިއާއިން ވަނީ 1.6 މެޓްރިކް ޓަނުގެ ބޭސް، ކާމް އެއާވޭގެ މަގުން އަފްގާނިސްތާނަށް ފޮނުވާފައެވެ. އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮޕަރޭޓް ކުރާ އިންދިރާ ގާންދީ ޗިލްޑްރަންސް ހޮސްޕިޓަލަށް ފޮނުވި މި އެހީއަށް މަރުހަބާ ކިއާކަމަށް، ތޯލިބާން ސަރުކާރުގެ ހާރިޖީ ތަރުޖަމާނު ޢަބްދުލް ޤަހްރު ބަލްކީ ވަނީ ބުނެފައެވެ.