ރ. ރަސްމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ބާޖޫ އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސެންޓް މިހާރު ވަނީ ނިމިފާއި ކަމަށެވެ.

ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށަފައި ވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.

މި މަޝްރޫއަކީ 28.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.