ނައިޖީރިއާގެ ހުޅަނގު-އުތުރު ސްޓޭޓެއް ކަމަށްވާ ޒަމްފަރާގައި ހަތިޔާރުއެކު ހަރަކާތްތެރިވަމުންދާ ގޭންގުތަކުން ފާއިތުވީ ދުވަސްތަކުގައި ހިންގި ޖަރީމާތަކުގައި 200 އެއްހާ މީހުން މަރާލާފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ހަމަލާތަކުން ސަލާމަތްވި މީހުންނާ ހަވާލާދީ ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސައިކަލުތަކުގައި ދުއްވާފައި ގޮސް، އަވަށަކަށް ފަހު އަވަށެއް ލޫޓުވަމުން ގޭންގުތަކުން ދިޔައީ ވަކި "ތަނެއް ދޮރެއް" ބެލުމެއް ނެތި، އަދި ވަކި މީހަކު އިސްތިސްނާ ކުރުމެއް ނެތިއެވެ.

ގޭންގުތަކުގެ ހަމަލާތަކަކީ، އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކެއްގެ ރައްދުގައި ހިންގާ އަމަލެއް ކަމަށް ހަބަރު ލިބެއެވެ. އަސްކަރިއްޔާގެ ވައިގެ ހަމަލާތަކުގެ ސަބަބުން، ގޭންގުތަކުން ޖަންގަލިތަކުގައި ފިލަން ބޭނުން ކުރި ބައެއް ކިއްލާތަކުން ނިކުންނަން ޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޒަމްފަރާއާއި އަވަށްޓެރި ސްޓޭޓްތަކަށް، ގޭންގުތަކުގެ ސަބަބުން އެކި ކަހަލަ ތުރާތަކާ ކުރިމަތިލާން ޖެހިފައި އޮންނަތާ އެތައް އަހަރެއް ވެފައި ވާ ކަމަށް ބީބީސީއިން ބުނެއެވެ.

މި ގޭންގުތަކަކީ އާންމު ގޮތެއްގައި ޖަނަވާރުގެ ވައްކަން ކުރާ ގޭންގުތަކެއް ކަމަށާ، މީހުން ރަހީނުކޮށް ބަދަލު ފައިސާ ހޯދަންވެސް މަސައްކަތް ކުރާ ބައެއް ކަމަށާ، އެ ގޭންގުތަކާ ދެކޮޅަށް ނިކުންނަ މީހުން މަރާ ހަދާ ބައެއް ކަމަށް ހަބަރު ލިބެއެވެ.

ނައިޖީރިއާގެ ސަރުކާރުން ވަނީ، މި ގޭންގުތަކަކީ ޓެރަރިސްޓުން ކަމުގައި ކަނޑައަޅާފައެވެ. މިއާއެކު، އެ ގޭންގުތަކާ، އެ ގޭންގުތަކަށް އެއްބާރުލުން ދޭ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ސަރުކާރާއި އަސްކަރިއްޔާގެ އަމަލުތަކުގެ ސަބަބުން ރުޅިއައިސްފައިވާ ގޭންގުތަކުން އާންމުންގެ އަވަށްތަކަށް ވަދެ، ގެތަކުގައި ހުޅުޖަހާ އާންމުންގެ ފުރާނައަށް ގެއްލުން ދީ ހެދުމަށްފަހު، އެމީހުންގެ ޝިކާރައަކަށް ވާ މީހުންގެ ހަށިގަނޑުތައް ބުރިބުރިކޮށް ހަދާ ކަމަށް މައުލޫމާތު ލިބެއެވެ.

ނައިޖީރިއާގެ ހިއުމެނިޓޭރިއަން އެފެއާޒް މިނިސްޓަރުގެ ތަރުޖަމާނަކު އޭއެފްޕިއަށް ބުނެފައި ވާ ގޮތުގައި، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައި ވާ އިރު، ގިނަ ބަޔަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.