ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލައިގެ މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރަންވަނީ ހަމަޖެހިފައިވާ ކަމަށާއި 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ ޖުމްލަ 37.8 މިލިއަން ރުފިޔާއަށެވެ.

ދުވާފަރުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ މަހުގެ 13 ގައެވެ. އަދި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިދިޔަ އޮކްޓޯބަރުގެ 31 ގައި ވަނީ ނިންމާލާފައެވެ.