ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކޮށް، އިކޮނޮމިކް މިނިސްޓްރީން ގަވައިދެއް އެކުލަވާލައި އެ ގަވައިދަށް އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި ގަވައިދުގައި ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކޮށްފައިވާ މިންގަނޑުތައް ތިރީގައި މި ވަނީއެވެ. ނަމަވެސް މި މިންގަނޑުތަކަށް ނުފެތޭ ވިޔަފާރިތައް ގިންތިކުރުމަށްޓަކައި ހާއްސަ ފޯމިއުލާއެއް މެދުވެރިކޮށް، ވިޔަފާރިތައް ގިންތިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރި ގޮތް---

ވިޔަފާރިއެއް ގިންތިކުރުމަށް އެދެން ބޭނުންނަމަ، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް، އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އަހަރަކަށް ލިބޭ އާމްދަނީ އާއި ސާފު ފައިދާގެ މައުލޫމާތު ހުށަހެޅުމަން މިނިސްޓްރީން އެދެއެވެ. އަދި ގަވައިދަށް އަމަލުކުރަން ފެށުމާއެކު، އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައްވެސް މި މައުލޫމާތުތައް ހުށަހަޅައި ރަޖިސްޓްރީކުރާ ދުވަހުން ފެށިގެން، ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ރަޖިސްޓްރީކުރުމަށްޓަކައި ހުށަހެޅުމަށްވެސް މިނިސްޓްރީން އެދެއެވެ.

އެކަމަކު އޭގެ ތެރޭގައި ކުރިން ރަޖިސްޓްރީކޮށްފައިވާ އެއްވެސް ވިޔަފާރިއެއް ނުހިމެނޭނެއެވެ.

ހަމަ އެއާއެކު، މީރާ އާއި ޕެންޝަން އޮފީހުގެ އިތުރުން، ވަޒީފާގެ ގާނޫނު ތަންފީޒުކުރާ އިދާރާއިން ލިބޭ މައުލޫމާތަށް ބިނާކޮށް، ކޮންމެ އަހަރެއްގެ އޮގަސްޓު މަސް ނިމުމުގެ ކުރިން ވިޔަފާރިތަކަށް ދީފައިވާ ގިންތި މުރާޖާކޮށް، އެއްވެސް ބަދަލެއް އައިނަމަ، އެ ބަދަލެއް އައިކަން އެނގޭނެހެން ރިކޯޑުކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިއަދު ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ގަވާއިދު އާންމުކޮށްފައިވާއިރު، އެންމެ ކުޑަ އުޖޫރަ ދިނުމުގައިވެސް ކުންފުނިތައް ގިންތިކުރެވިފައިވާ ގޮތަށް ބަލައެވެ.