ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދަށް ކޮށްފައިވާ އަސަރުން ކުދި ވިޔަފާރިތައް ސަލާމަތް ކުރަން ސަރުކާރުން އަނެއްކާ ވެސް އިތުރު ލޯނެއް ތައާރަފް ކޮށްފިއެވެ.
"ކޮވިޑް-19 ރިކަވަރީ އިކޮނޮމިކް ސްޓިމިއުލަސް ސްކީމް"ގެ ދަށުން ވިޔަފާރިތަކަށް ހާއްސަކޮށް 2 ލޯނެއް ސަރުކާރުން ވަނީ ތައާރަފް ކޮށްފައެވެ. އެއީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެވެ. އިކޮނޮމިކް ސްޓިމިއުލަސް ލޯން ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ތައާރަފް ކޮށްފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އުފެއްދި އިކޮނޮމިކް ސަސްޓެެއިނަބަލް ލޯނު ދޫކުރާކަން އިއުލާނު ކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، ޖުލައި މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ހުޅުވާލާ މި ލޯނު ހާއްސަ ކުރާނީ ކޮވިޑުގެ ދެވަނަ ރާޅުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ވިޔަފާރިތަކާއި ސަރަހައްދު ތަކަށެވެ. އެގޮތުން މާލެ ސަރަހައްދަށް ހާއްސަކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް ސަސްޓެއިނަބަލް ލޯން
ކޮވިޑް-19 ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނަކީ ކޮވިޑްގެ ހާލާތާ ގުޅިގެން އެންމެ ކުދި އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން އެކުލަވާލާފައިވާ ލޯނެކެވެ.
މި ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ. ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރާނީ 1 މިލިއަން ރުފިޔާއެވެ. އިންޓަރެސްޓްގެ ގޮތުގައި އަހަރަކު 6 ޕަސެންޓް ދައްކަން ޖެހޭއިރު، ލޯނު އަނބުރާ ދައްކަން 5 އަހަރާއި 8 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
އިކޮނޮމިކް ސްޓިމިއުލަސް ލޯން
އިކޮނޮމިކް ސްޓިމިއުލަސް ލޯނަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ލޯން ސްކީމެކެވެ. މި ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ހާއްސަ ކޮށްފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ ކޮންމެ ފަރާތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއެވެ. މި ލޯނު ދެއްކުމަށް 4 އަހަރު ދުވަސް ލިބޭނެއެވެ. މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 6 ޕަސެންޓެވެ.
މި ލޯނުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ލޯނުގެ ދަށުން 375 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ފަދަ އިންޓްރެސްޓް ރޭޓު ވެސް ކުޑަ ގްރޭސް ޕީރިއަޑް ވެސް ބޮޑު ލުއި ލޯނެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. މި ލޯނުގެ ސަބަބުން މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.