ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ނިޔާވެ، ގޮނޑި ހުސްވުމާ ގުޅިގެން އެދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ކުޑަ ދުވަސް ކޮޅަކަށް ވެފައި ވާއިރު އިންތިހާބުގެ ފޯރި މިވަނީ ގަދަވެފައެވެ. މި އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދަވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިއިލެކްޝަންގެ އިންތިހާބުގައި 3 ޕާޓީން ވާދަ ކުރާއިރު ކެމްޕޭންގެ ހަރަކާތުގައި އެންމެން އުޅެމުން ދަނީ އަވަދިނެތިއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. މިދިޔަ މަހު 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ.
ހަމައެދުވަހު އީސީން ވަނީ އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ބާއްވަން ޖެހޭ ބައިއިލެކްޝަންސްގެ އިދާރީ މަސައްކަތް ފަށާފައެވެ. އެގޮތުން އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވާނެ ކަމަށް އީސީން އިއުލާން ކުރިއެވެ.
ބައި އިލެކްޝަންގައި ތިން ކެންޑިޑޭޓުން ވާދަކުރައްވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އަދި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ހިމެނެއެވެ.
މި އިންތިހާބުގައި ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ރާޝިދު އަށެވެ. ކެނޑިޑޭޓް ނަންބަރު ދޭއް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންނެވި އިރު ކެނޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އަބްދުލް ހަންނާން އިދުރީސް އަށެވެ.
ފަތުހީއަށް ޓިކެޓް ދީފައި ވަނީ، އިދިކޮޅު ކޯލިޝަނުން ހުޅުވާލި ފުރުސަތުގައި އިތުރު މީހަކު ވާދަ ނުކުރުމުންނެވެ. ފަތުހީއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ށ. އަތޮޅު އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް އޭނާ ވަނީ ކުރިން ކުރައްވާފައެވެ.
ފަތުހީ އަކީ ކޮމަންޑޫ ކުޑަކަތީބު ކަމާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ކަމުގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ މިދިޔަ 3 ދައުރުގައިވެސް ފޯކައިދޫ ކައުންސިލްގެ ރައީސްކަން ކުރައްވާ، މިހާރު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުގައި ހުނެނެވި ބޭފުޅެކެވެ.
30 އަހަރު ވަންދެން ތައުލީމީ ދާއިރާއަށް ހިދުމަތްކުރެއްވި އަބްދުލް ހަންނާން ވަނީ ހަނިމާދޫ ސްކޫލާއި، އިނގުރައިދޫ ސްކޫލާއި، ށ. އަތޮޅު ތައުލީމީ މަރުކަޒާއި، މާފަރު ސްކޫލްގެ އިތުރުން ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލްގެ މަގާމް ފުރުއްވައި، ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ޑީންކަމުގެ މަގާމު 2013 އިން ފެށިގެން 2019 އަށް ފުރުއްވާފައެވެ.
ވާދަވެރި ތިން ކެނޑިޑޭޓުން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައި ވާއިރު ހުރިހާ ކެންޑިޑޭޓުން ވެސް މިވަގުތު އުޅެނީ އަވަދިނެތި ކެމްޕޭނުގައެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން އެތައް މަޝްރޫއެއް:
އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އިހަށްރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދާއިރާގެ ރަށްތަކުގައި މަޝްރޫއުތަކެއް ފެށުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.
ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއުތައް:
- ކޮމަންޑޫ ބަނދަރުގެ ބޭރު ތޮށީގައި ދޯނިފަހަރު އެޅޭނެ ގޮތް ހަދައިދިނުމާއި އެ ރަށުގައި އައިސް ޕްލާންޓެއް ހެދުން.
- ކޮމަންޑޫގެ ލޭންޑް ޔޫސް ޕޭލްން ނިމުމުން އެ ރަށުގެ ހިއްކި ބިމުން ގޯތިދޫކުރަން ފެށުން.
- ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުން.
- ކޮމަންޑޫ ކައިރީގައި އޮންނަ ރަށްފަތީގައި ޓޫރިޒަމް ފެށުން.
- ފޯކައިދޫގެ ޕޮލިސް ސްޓޭޝަނާއި ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށުން.
- ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި، އެ ތަނުން ގޯތިދޫކުރުން.
- އަންނަ ހަފުތާގައި މަރޮށީގެ ބަނދަރުގެ މަސައްކަތް ފެށުން.
- މަރޮށީގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްތައް ފެށުން.
އިންތިހާބު ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް ކޮމަންޑޫގައި ދަނޑެއް!
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިމަހު 6 ވަނަ ދުވަހު ކުރެއްވި ޓުވީޓްގައި ވަނީ ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް ނެތި 30 އަހަރު ވެފައިވާ ކަމަށާއި އަދި އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ ރަށުގައި ފުޓުބޯޅަ ދަނޑެއްް ހަދަން މިހާރު ނިންމާފައި ވާކަން ހާމަ ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ފާހަގަ ކުރައްވާފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި އެ ދަނޑުގެ މަސައްކަތް ކުރަން ފަށާނެއެވެ.
އިންތިހާބަށް ކުޑަތަން ވެފައިވަނިކޮށް ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ކުރަން ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރަމުންނެވެ.
މިގޮތުން މިއޮތް ހުރިހާ ދުވަސް ވީއިރުގައި ކޮމަންޑޫގެ ޒުވާނުންގެ މަތިން މިނިސްޓަރު މަހުލޫފު ހަނދާން ނެތިފައި ހުންނެވި ކަމަށް އިދިކޮޅުން ބުނެއެވެ.
އިންތިހާބާ ދިމާކޮށް ގިނަ ވައުދުތަކެއް ސަރުކާރުން ވަމުން ދާއިރު އެމްޑީޕީން ވެފައިވާ ވައުދު ފުއްދޭނީ ސަރުކާރުގެ ކެންޑިޑޭޓަކަށް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެހެން ވިސްނުމެއްގެ އެހެން ފިކުރެއްގެ ބަޔަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ކެމްޕޭނަށް ރައީސް ޔާމީން ވެސް ކޮމަންޑޫއަށް!
ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގެ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަަން ނިންމަވާފައި ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހުކުރު ދުވަހު އެމަނިކުފާނު އެރަށްތަކަށް ވަޑައިގަންނަވާނެއެވެ.
ރައީސް ޔާމީން ވެސް ކެމްޕޭނަށް އެދާއިރާގެ ރަށްތަކަށް ވަޑަައިގަތުމަށް ނިންމާފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ފަތުހީ ވަނީ ކެމްޕޭނަށް ކޮމަންޑޫއަށް ވަޑައިގެންފައެވެ. ފަތުހީއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އާދަމް ޝަރީފް އުމަރާއި ޕީޕީއެމްގެ ޓީމެއް ވަނީ ކޮމަންޑޫއަށް ވަޑައިގެންފައެވެ.
އެމްއެންޕީން ވެސް ދުލެއް ނުކުރޭ، ކެމްޕޭނު ބާރަށް ކުރިއަށް!
މި އިންތިހާބާ ދިމާކޮށް، އެމްއެންޕީގެ ރައީސް ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވެސް ވަނީ އެ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވާފައެވެ. އެމްއެންޕީގެ މެންބަރުން ވެސް މިރަށްތަކަށް ވަޑައިގަންނަވާފައި ވާއިރު ހަންނާނު އާއެކު މެންބަރުން އަންނަނީ ޑޯޓު ޑޯ ކެމްޕޭން ކުރައްވަމުންނެވެ.
އިދިކޮޅުގެ ކެންޑިޑޭޓުންގެ އާއިލީ ގުޅުމާއި ރަހުމަތްތެރިކަން:
ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާ، އެރަށަށް ނިސްބަތްވާ ފަތުހީ އަދި ހަންނާނުގެ ގުޅުމަށް ބަލާއިރު ފަތުހީ އަކީ ހަންނާނުގެ އަންހެނުންގެ ބޮޑުބޭބެއެވެ.
މީގެ އިތުރުން ރަޝީދަކީ ކޮމަންޑޫއަށް އުފަންވި ފަރާތަކަށް ނުވި ނަމަވެސް އޭނާ ތައުލީމު ހާސިލް ކުރެއްވީ ކޮމަންޑޫގައެވެ. ޒުވާން ދުވަސްވަރު ކޮމަންޑޫގައި ރަޝީދު އުޅުއްވިއިރު މި ތިން ބޭފުޅުންނަކީ ވެސް ރަހުމަތްތެރިންނެވެ.
ކާމިޔާބު ކުރާނީ ކޮން ޕާޓީއެއް؟
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފަސް އަހަރުގެ ދައުރެއް ހުސައިން ވަހީދު ވަނީ ފުރުއްވާފައެވެ.
މި ގޮނޑި ހުސްވުމާއެކު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ އެއް ސުވާލަކީ މިފަހަރުވެސް ގޮނޑު ކާމިޔާބު ކުރާނީ އެމްޑީޕީން ހެއްޔެވެ؟ ބައެއް ފަރާތްތަކުން އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމްއިން ކަމަށް ބުނަމުން ދާއިރު އަނެއް ބަޔަކު ބުނަމުން ދަނީ އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީންކަމަށެވެ.
ކެމްޕޭނުގެ ފޯރިއާއި ވޯޓުލާން ތިބި މީހުންގެ ރޫހަށް ބަލާ އިރު މި ގޮނޑި ކާމިޔާބު ކުރާނީ އެމްޑީޕީއިންނެވެ.
ތިން ޕާޓީން ވެސް ވަރަށް ފޯރީގައި ކޮމަންޑޫ ގޮނޑި ކާމިޔާބު ކުރުމަށް ކެމްޕޭން ކުރަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ވަގުތީ ލިސްޓުގައިވާ ގޮތުން ފޯކައިދު އާއި މަރޮށި އަދި ކޮމަންޑޫން 3،316 މީހުންނަށް މި ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.