މުވައްޒަފަކަށް އޮޅިގެން ނުރަސްމީ ޓްވީޓުތަކެއް ކުރެވިއްޖެ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީ އިން މާފަށް އެދިއްޖެއެވެ.
އެކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޖެންޑާ މިނިސްޓްރީއިން ބުނީ ރޭގެ ވަގުތެއްގައި އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓުތަކަކީ މުވައްޒަފަކަށް އޮޅިގެން ކުރެވިފައިވާ ޓްވީޓުތަކެއް ކަަމަށާއި އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާފަދަ ފިޔަވަޅުތަކެއް މިހާރު އަޅާފައިވާާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ޖެންޑާ މިނިސްޓްރީގެ ރަސްމީ ޓްވީޓާ އެކައުންޓުން ރޭ ވަނީ ދެ ޓްވީޓެއް ކޮށްފައެވެ. އެތަނުން އެ ޓްވީޓަކީ މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓަކަށް ރައްދު ދީ ކޮށްފައިވާ ޓްވީޓެކެވެ. އެއީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން އިއްޔެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ކަމަށް މާލެ ސިޓީ ކައުންސިލް އިން ކުރި ޓްވީޓެކެވެ. އެ ޓްވީޓްގެ ރިޕްއިއެއްގެ ގޮތުން އެ މިނިސްޓްރީ އިން ވަނީ އިންޑިއާގެ ނޫހަކުން ލިޔެފައިވާ "ރާއްޖެއިން އިންޑިއާއަށް ޔަގީންކަން ދިން، ޗައިނާ ބޭސްތަކަށް ނޫނެކޭ ބުނެފި" ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓެއް ހިއްސާ ކޮށްފައެވެ.
ދެވަނަ ޓްވީޓަކީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ނައިޓްމާކެޓް ބޭއްވުމަށް ހުއްދަ ދިނުމާ ގުޅިގެން މިހާރު ނޫހުގައި އޮތް ހަބަރަކަށް ރިޕްލައިދީ ކޮށްފައިވާ ޓްވީޓެކެވެ. އެ ހަބަރުގައި ހިމަނާފައިވާ ފޮޓޯގައި ގިނަ އަދަދެއްގެ ބަޔަކު ނައިޓް މާކެޓް ތެރެއިން ފެނެއެވެ. އެއަށް އެ މިނިސްޓްރީ "ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އެޗްޕީއޭގެ ގައިޑްލައިންސް" ލިޔެ ރައްދު ދީފައި ވެއެވެ.
ފަހުން އެ ދެ ޓްވީޓްވެސް މިނިސްޓްރީން ވަނީ ޑިލީޓް ކޮށްފައެވެ. އެހެން ނަމަވެސް ޓްވިޓާގައި ދަނީ އެ ދެ ޓްވީޓްގެ ސްކްރީޝޮޓްތައް ދައުރުވަމުންނެވެ.