ރާއްޖޭގެ ދެ ސަރަހައްދެއްގައި ސިފައިންގެ ތަމްރީންތަކެއް ފެށުމަށް ތައްޔާރުވަމުން ދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.

ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ތ. އެލާ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ދިޔަމިގިލީގެ އިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އެ ތަންތަނާ ގުޅިފައިވާ ކަނޑުގެ ސަރަހައްދު ގައެވެ.

ތ. އަތޮޅުގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިމަހުގެ 15 އިން 22 އަށެވެ. އައްޑޫ ސިޓީގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިމަހުގެ 10 އިން 14 އަށެވެ.

ސިފައިންގެ ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ޑިފެންސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

އެމްއެންޑީއެފުން ދަނީ ދޭތެރެ ދޭތެރެއިން ހަތިޔާރާއެކު މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. އަދި މިއީ ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ކުރިއަށް ގެންދާ ތަމްރީނު ތަކެއް ނޫން ކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.