ރާއްޖޭގައި އަލަށް ފަށާ 8 ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓްގެ މޮބިލައިޒޭޝަން މަސައްކަތް ފެށުމަށް 5.49 މިލިއަން ރުފިޔާ އިންޑިއާއިން ދިވެހި ސަރުކާރަށް ދޫކޮށްފިއެވެ.

ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއުތަކަކީ އިންޑިއާ-ރާއްޖެ ތަރައްގީގެ ޕާޓްނާޝިޕްގެ މުހިންމު އެއް ތަނބު ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. މި މަޝްރޫޢުތައް ފަރުމާ ކުރެވިފައި ވަނީ ރަށްރަށުގެ ބޭނުންތަކަށް ފެތޭގޮތަށް މަމަށާއި އެއީ ކައުންސިލްތައް ތަންފީޒު ކުރުމުގެ ޒިންމާ އުފުލަންޖެހޭ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ބޭނުންކުރާ އިފެކްޓިވް ހަތިޔާރެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓްތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަކީ އިންޑިއާއަށް ލިބޭ ފަހުރެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ފައިސާ ދޫކޮށްފައި ވަނީ ޖުލައި މަހު އިންޑިއާއިން ދިން 70 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. މި މަޝްރޫއުތައް ތަންފީޒު ކުރުމަށް ބޭނުންވާ އެމްއޯޔޫތައް ނިންމީ މިދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ޖުމްލަ 36.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި 8 މަޝްރޫއަކީ ރާއްޖޭގެ 7 އަތޮޅެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. އެއީ ތ، ލ، ހއ، ނ، ކ، އދ އަދި ގދ އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަކެކެވެ.

ހައި އިމްޕެކްޓް ގްރާންޓް 8 ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ ތ. ތިމަރަފުއްޓާއި ތ. ވޭމަންޑޫގައި މަގުބައްތި ހަރު ކުރުމާއި، ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމު ކުރުމާއި، އދ. ދަނގެތީ އާ ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމާއި، ނ. މިލަދޫ ކައުންސިލް އިމާރާތް ބިނާ ކުރުމަށެވެ. މީގެ އިތުރުން ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލ.ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް އެޅުމާއި، އެމްއެންޑީއެފަށް ބޭނުންވާ ސީ އެމްބިއުލެންސް ހޯދުމާއި، މާލޭގެ އޮލިމްޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ ކުރިންވެސް އިންޑިއާއިން ދިން ހިލޭގެ އެހީގެ ދަށުން ރާއްޖޭގައި ވަނީ މިފަދަ ޕްރޮޖެކްޓްތަކަށް ފަންޑް ކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާޗު މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަޝްރޫއެއް ރަށު ކައުންސިލްތަކުން ދަނީ ހިންގަމުންނެވެ.

އިންޑިއާއިން 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓް ދޫކޮށްފައި ވާއިރު، ތަރައްގީގެ 18 މަޝްރޫއެއް ވަނީ ތަންފީޒު ކޮށްފައެވެ. މި 30 ގްރާންޓް ޕްރޮޖެކްޓްގެ ތެރެއިން 16 މަޝްރޫއެއްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.