"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު މާލޭގައި ބޭއްވި އިހުތިޖާޖުން ހަތް މީހަކު ހައްޔަރު ކޮށްފިއެވެ.
ޕީޕީއެމް އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި، ކައުންސިލަރު އަހުމަދު އައިފާންގެ އިތުރުން، ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނެއެވެ.
އިއްޔެވެސް އިންޑިއާ އައުޓްގެ ނަމުގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިވި މީހުންގެ ތެރެއިން 11 މީހަކު ހައްޔަރު ކުރިިއިރު، އެ މީހުން ވަނީ ފަހުން ދޫކޮށްލާފައެވެ. ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި 11 މީހުން ހައްޔަރުކުރީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ސިލްސިލާކޮށް އިދިކޮޅުން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި، އިދިކޮޅުން ދަނީ، މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ބޭރު ކުރުމަށް ގޮވާލަމުންނެވެ.
ހަމައެއާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށާއި، އެ އެއްބަސްވުންތައް ބާތިލު ކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނަރީޝްއާއެކު ކަައުންސިލް މެންބަރަކު ހައްޔަރު ކޮށްފައި ވާތީ އެ 2 މީހުން ދޫކޮށްލަން މިއަދު ކައުންސިލުން ވަނީ ގޮވާލާފައެވެ.