ދިވެހިރާއްޖޭގެ މައި އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ސްޓެލްކޯއަށް ހަވާލު ކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ގޮތުން އެ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެމްއޭސީއެލްގެ އެކްޓިން އިންޗާޖް އިބްރާހިމް ތޯހާއެވެ.

"އެމްއޭސީއެލްވެސް މިވަނީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި އެހީތެރިކަން ދެއްވާފައި. ހަމަ އެގޮތައް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެ ވެސް މޯރަލް އަދި އެތިކަލް އޮބްލިގޭޝަންއެެއް އޮތްކަމަށް އެމްއޭސީއެލްއަށް ވެސް ދަތިކަމެއް ދިމާވާ ވަގުތުގައި އެކަމަށް އެހީތެރިވެދޭން، އެގޮތުން އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިލޭވެގެން ދިއުމާއެއްކޮށް، އަޅުގަނޑުމެންނަށް ލިބޭ ހާއްސަ އުފަލެއް އެމްއޭސީއެލްއަށް މިކަން ކޮށްދެވުމަކީ."
ހަސަން މުޣުނީ

މި އެއްބަސްވުމުގެ ދަށުން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ގްރިޑާއެކު، ސްޓެލްކޯއިން މިހާރު ވަނީ މާލެއާއި، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލާފައެވެ.

މި އެއްބަސްވުމުގައި ސޮއެ ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ، ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގަ އިވެސް އެެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، އެމްއޭސީއެލްއަކީ ގައުމުގެ އިގްތިސޯދަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓު ކުރާ އެއްކުންފުނި ކަމަށެވެ. އަދިި އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމާއި، ގުޅުންހުރި، ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށާއި، ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް ސްޓެލްކޯ އިން އެމްއޭސީއެލް ވެސް އަދި ސަރުކާރުގެ އެހެން އެސްއޯއީސްތަކާއި އެހެން އާންމު ފަރާތްތައް ވެސް އެ ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމށް ސްޓެލްކޯ ދެމިތިބޭނަން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

"އަޅުގަނޑުމެންނަށް މިވަގުތު އަޅުގަނޑުމެންގެ ޕަވަރ އެވަރަކަށް އަދި ސަޕްލައިއެއް ނުކޮށްދެވޭ. ސްޓެލްކޯގެ އެހީއާއިއެކު އަޅުގަނޑުމެންނަށް މިކަން ކުރެވެން އަންނަނީ މިވަގުތު. އެހެންވީމަ، މިއީ ދެބައިމީހުން ގުޅިގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެެއް ކަމަށް އަޅުގަނޑު ދެކެނީ"
އިބްރާހިމް ތޯހާ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯހާ ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތު ވެސް ކުރަމުންދާ ކަމަށާއި، އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ހަދާފައިވާ މާސްޓާ ޕްލޭންގައި ވެސް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމެނޭ އިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ. އަދި މިވަގުތު އެމްއޭސީއެލުން ހުޅުލެއަށް ކަރަންޓު ދެމުންގެންދާ އިރު، ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ.

ސްޓެލްކޯއަކީ މާޅެ ސަރަހައްދުގައި ހަމައެކަނި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންނެވެ. މާލެ ސަރަހައްދު ނޫނަސް ބައެއް ރަށްރަށުގައި ވެސް ސްޓެލްކޯ އިން ވަނީ ކރަންޓު ފޯރުކޮށް ދިނުމާއި ކަރަންޓުގެ ހިދުމަތް އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ދޭން

ކަރަންޓުގެ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށް ދިނުމުގައި އަބަދުވެސް ދެމި ތިބި ސްޓެލްކޯގެ އަމާޒަކީ ކަރަންޓުގެ މަސައްކަތްތައް ފުރިހަމަ ކަމާ އެކު ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ. އަދި ކަރަންޓުގެ މައްސަލަތައް ހައްލު ކޮށްދީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމުގައި އެ ކުންފުނި ދެމި ތިބުމަށް މަސައްކަތް އަބަދުވެސް ކުރެއެވެ.

ހުޅުލެއަށް ކަރަންޓްގެބހިދުމަތް ފޯރުކޮށް ދިނުމަށް މިއަދު ސްޓެލްކޯއާ ހަވާލު ކުރި އިރު، މީގެ ކުރިން ހުޅުލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އައީ އެމްއޭސީއެލުން ނެވެ.