މުސްލިމުންނަށް ފުރައްސާރަ ކުރުމުގެ ސަގާފަތެއް އޮތް އިންޑިއާގައި 100 އަށް ވުރެ ގިނަ، މުސްލިމު އަންހެނުން "ވިއްކަން" ޖެހި އެޕްލިކޭޝަންއާ ގުޅުން އޮވެގެން، 18 އަހަރުގެ އަންހެނަކު، އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އެ އަންހެން މީހާއަކީ، "ބުއްލީ ބާއީ" އެޕް އުފެއްދި ކަމަށް، އިންޑިއާގެ ފުލުހުން ތުހުމަތު ކުރާ މީހާއެވެ. މިއީ މި މައްސަލާގައި ހައްޔަރު ކުރި 2 ވަނަ މީހާއެވެ. މީގެ ކުރިން ހައްޔަރު ކޮށްފައި ވަނީ 21 އަހަރުގެ މީހެކެވެ. އެއީ އިންޖިނޭރުކަން ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށް ހަބަރު ލިބެއެވެ.

ޝްވޭތާ ސިންހް ނަމަކަށް ކިއާ، 18 އަހަރުގެ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ، އިންޖިނޭރުކަން ކިޔަވަމުން ދިޔަ ވިޝާލް ކުމާރާ ސުވާލު ކުރުމުގެ ތެރެއިން، އޭނާގެ ނަން ފެންމަތިވެގެންނެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އުއްތަރަހާންދުންނެވެ.

ޝްވޭތާއާއި ވިޝާލްއާ ދެކޮޅަށް އުފުލާ ދައުވާތަކުގެ ތަފްސީލެއް އަދި ކަށަވަރެއް ނުވެއެވެ.

"ބުއްލީ ބާއީ" އެޕްގެ މައްސަލާގައި އިންޑިއާގެ 3 ސްޓޭޓެއްގައި ތަހުގީގުތައް ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މިފަދަ ގޮތަކަށް އެޕް ހަދައިގެން މުސްލިމު އަންހެނުނަށް ފުރައްސާރަ ކުރުމުގެ ޖަރީމާ، އިންޑިއާއިން ހިންގާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް މިފަދަ އެޕެއްގެ މައްސަލަ ފެންމަތިވިއެވެ.

"ބުއްލީ ބާއީ" އެޕްގައި ފޮޓޯ ޖަހާ، ވިއްކާ ކަމަށް ބުނެފައި ވާ އަންހެނުންގެ ތެރޭގައި، ބޮލީވުޑްގެ ތަރިއެއްގެ އިތުރުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ އިންޑިއާ ދަރިވަރެއްގެ، އުމުރުން 65 އަހަރުގެ މަންމަވެސް ހިމެނެއެވެ.