ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ އަލަމާ-5 ނަމަކަށް ކިޔާ ދޯންޏާއެކު ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހަކު ފެނިއްޖެއެވެ.

ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “އަލަމާ 5” ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، އަޑިއަށް ގޮސް އެއިން ދަތުރު ކުރި ތިން މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ އެމްއެންޑީއެފުން ކުރަމުންނެވެ. އެގޮތުން ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 2 ބިދޭސީންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރެއިން ފެނުނީ ދެ ބިދޭސީ މީހުންނެވެ. އަދި ދިވެހި މީހާ ނުފެންނާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެ ދެ ބިދޭސީން ފެނުނީ އދ. ދަނގެތި ކައިރިންނެވެ.

މިކަމާ ގުޅިގެން އަދި އެމްއެންޑީއެފްއާ އި ފުލުހުންގެ ބަހެއް ނުލިބެއެވެ.

އެ ދޯނިން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ނުފެންނަނީ އުމުރުން 32 އަހަރުގެ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީގެވެ. އޭނާ އަކީ އެ ބޯޓުގެ ކައްޕިއެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު 3322111 އަށް ނުވަތަ ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792782 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.

މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ގެއްލުނު މީހުން ހޯދަން ކުރި މަސައްކަތުގައި އަދިވެސް ކައްޕިއާއި އަޑިއަށް ދިޔަ ދޯނި ފެނިފައެއް ނުވެއެވެ. ނަމަވެސް އެ ދޯނިން ގެއްލުނު ދެ ބިދޭސީ މީހާއާ ފެނިފައި ވާއިރު، ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ. އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ފެނިފައެވެ.

އެމްއެންޑީއެފުން އަދިވެސް ދަނީ ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ކަނޑާއި ވައިގެ މަގުން 2،720 ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައި ވާއިރު، އަދި ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއފުން ބުނެއެވެ. އެކަމުގައި އެމްއެންޑީއެފް ޑޯނިއާ ފްލައިޓުގެ އިތުރުން ކޯސްޓްގާޑްގެ އެކޯ-905 ސީ އެމްބިއުލާންސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.