ސިނަމާލެ ބުރިޖު މަތީގައި، ސައިކަލު މަތީ އޮށޯވެގެން އޮވެ ދުއްވި މައްސަލައެއްގައި ހައްޔަރުކުރި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާ ނުދައްކައި 44،000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އެބައޮތް ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުށީ އަހްމަދު ފާރިޒް (26) އަހަރެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ، އިއްޔެ ފަތިހު 03:52 އެހައިކަންހާއިރު، ހެލްމެޓް ނާޅައި، ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭގައި ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ލިބުމުން އެމީހާ ދެނެގަނެފައިވާ ކަމަށެވެ.

އެގޮތުން، މާލޭގެ ޓްރެފިކް ލައިޓް ކައިރިން އޭނާއަށް މަޑުކުރުމަށް ފުލުހުން އެންގުމުން، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން ބާރު ސްޕީޑުގައި ދުއްވާފައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ވެހިކަލް އޭނާގެ ފަހަތުން ގޮސް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

މި ހާދިސާގައި ފުލުހުންގެ ކާރަށް ގެއްލުންތަކެއް ލިބިފައިވާއިރު، އެކްސިޑެންޓަށްފަހު ސައިކަލު ދޫކޮށް އޭނާ ވަނީ އެ ސަރަހައްދުން ފިލާފައެވެ. ނަމަވެސް، މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ވަގުތެއްގައި، މާލެ، މޫންލައިޓް ހިނގުމުން އޭނާ ހުއްޓުވައި ހައްޔަރުކޮށްފައިވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ބަންދަށް 7 ދުވަސް ޖަހައިދީފައެވެ.

ނަމަވެސް، ކޯޓުގައި އޭނާގެ ދިފާއުގައި ބުނީ، ފުލުހުންގެ ވެހިކަލެއްގައި ނުޖައްސާ ކަމަށާއި އެ ވެހިކަލުން އޭނާގެ ސައިކަލުގައި ޖައްސާ ވައްޓާލީ ކަމަށެވެ. އަދި ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށްވެސް ތުހުމަތުކުރިއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ މީހެކެވެ. އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތުން، ލައިސަންސް ނެތި ދުއްވުމާއި، ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުން ހިމެނެއެވެ. މީގެ އިތުރުން އެއްކޮޅަށް ދުއްވާ މަގުތަކުގައި ގަވައިދާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި، ލޯގަނޑު ނުޖަހައި ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުމާއި އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުން ހިމެނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.