ރައީސް އިބްރާހިމް ސޯލިހު ނ. ލަންދޫ ބަނދަރު ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ.

ލަންދޫގައި ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް ބަނދަރު ހުޅުވިއިރު މި ހަފްލާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ލަންދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މުހައްމަދު އާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމް އާއި ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީގެ އިސްވެރިން އަދި ލަންދޫ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިއްމާފައި ވަނީ އިއްޔެ ނޫން އިހަށްދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 227 މީޓަރަގެ އެއްގަމު ތޮށި ލުމާއި ލަންދޫ ހާބަރަށް އިތުރުވި 41,251 ކިޔުބިކް މީޓަރުގެ ބޭސިން ފުން ކުރުމާއި 1000 ކިޔުބިކް މީޓަރުގެ މިހާރު ހުރި ހާބާ ބޭސިން ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 5000 ކިޔުބިކް މީޓަރުގެ ނެރު ފުންކުރުމާއި 387 މީޓަރުގެ ބޭރުތޮށި ލުމާއި 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި ޖުމްލަ 1,750 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި ބަނދަރު ބައްތި ޖެހުމުގެ އިތުރުން ރޭންޕެއް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ގެ އަގަކީ 35.60 މިލިއަން ރުފިޔާއެވެ.