ރައްޔިތުންގެ އިއްތިހާދުން ރައީސް ނަޝީދާ މެދު ނަފްރަތު އުފައްދަން މަސައްކަތް ކުރަމުން ދަނީ އެމަނިކުފާނުގެ ޖާނަށް ނުރައްކާ ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ، ނަޝީދުގެ މައްސަލައެއް "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް ހުށަހަޅާފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ކެނޑިނޭޅި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުންދާ އިލްޒާމު ތަކަކީ ހަރުކަށި ފިކުރުގެ މީހުން "ހިތާވާ ރާގަށް" އަނބުރަމުންދާ ބަސްތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިފަދަ ބަސްމަގާއި، ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބައްސަމަގާ އެއް މަގުން ހިނގާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ ފަދަ ވާހަކަތައް، އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަގްސަދަކީ އެމަނިކުފާނުގެ ޖާނަށް ނުރައްކާ ދިނުން ކަމަށާއި ލާދީނީ މީހެއް ކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ. މިފަދަ ބަސްމަގާއި، ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބައްސަމަގާ އެއް މަގުން ހިނގާތާ ދުވަސްތަކެއް ވެއްޖެ. އެ ފަދަ ވާހަކަތައް، އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަގްސަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުން."
ރައީސް ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި، މީޑިޔާގެ ރިޕޯޓުތަކުގައި، އެމަނިކުފާނަކީ ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި، މިފަދަ ބަސްމަގުން ކުޑައިމީސް ބަސް އެމަނިކުފާނަށް ރައްދު ކުރުމަކީ، އެފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ އިއްތިހާދުން ރައީސް ނަޝީދުގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވަނީ، ނަސޯރާއިން ފާހަގަ ކުރާ އެއް އީދު ކަމަށް ވާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފާޅުކަން ބޮޑު ގޮތަކަށް ދިވެހިންނަށް ފޮނުއްވާފައި ކަމަށް ބުނެއެވެ. އަދި އެފަދަ މައްސަލައެއް އޭގެ ކުރީ އަހަރު ވެސް ހުށަހެޅި ކަމަށާއި އެ މައްސަލަ ވެސް ކުރިއަށް ގެންގިސްފައި ނުވާ ކަމަށް އެ އިއްތިހާދުން ބުނެފައި ވެއެވެ.

ނަޝީދު ވިދާޅުވީ، މިފަދަ މައްސަލަތައް ފުލުހަށް ހުށަހަޅަނީ، ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު، މެއި 25، 2021 ގައި ހުށަހެޅި ގޮތަށް މަޖިލީހުން ފާސް ނުކުރުމުން ކަމަށެވެ. އެ ބިލުގައި "އިސްލާމީ އަގީދާއާ ގުޅުވައި، މުޖްތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން" އެއީ ކުށެއް ކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް ނޮވެމްބަރު 28، 2021 ގައި ބިލު ގާނޫނަކަށް ބަދަލުވީ އިރު، މި އިބާރާތް އުނިކޮށްފައިވާތީ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދަށް ފާޑު ކިޔާ ގިނަ ބަޔަކު އަބަދުވެސް ދީނީ މައްސަލަ ނަގައި އެމަނިކުފާނަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރައްވާ ބޭފުޅެއް ކަމަށް ބުނެއެވެ. އަދި އެ މަނިކުފާނާ އެކުގައި މަސައްކަތް ކުރާ މީހުންނަކީ ވެސް "ލާދީނީ" ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔަމުން ދެއެވެ. އެގޮތުން "ހަރުކަށި ފިކުރު" އަށް ތަބާވާ މީހުންގެ ނަފްރަތާއި އިންޒާރުގެ ބަސްތައް އެމަނިކުފާނަށް އަމާޒު ވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.

މިފަދަ އިންޒާރުތައް އައިސް އައިސް ހުއްޓާ އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަދި ސެކިއުރިޓީއެއް ނުދެވި އޮއްވާ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ވަނީ ނިރުބަވެރި ހަމަލާއެއް ދީފައެވެ. މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވެފައިވާ މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ ބައެއް ކަމަށް ވަނީ ޝަރިއަތުގައި އެ މީހުންގެ ބަސްތަކުން އެނގިފައެވެ.

މެއި މަހުގައި ދިން ހަމަލާއަށް ފަހު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނަފްރަތުގެ ބިލެއް ހުށަހަޅާފައެވެ. ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުމެވެ.

ނަމަވެސް އެ ބިލު ހުށަހެޅުމުން ދީނީ އިލްމުވެރިންނާއި އާންމުންގެ އެތައް ބައެއްގެ ނުރުހުން މި ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. އަދި އެބިލު ފާސްކުރެވުނު އިރު ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ތަސްދީގު ކުރި އިސްލާހުގައި ވަނީ، އިސްލާމްދީނުގެ ސުންނަތް ޖަމާއަތުގެ ރައުޔަކާ ހިލާފުނުވާ ގޮތަށް މުސްލިމަކު ހިޔާލު ފާޅު ނުކުރަނީސް ނުވަތަ އަމުރު ނުކުރަނީސް، އޭނާއަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނުމާއި، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު، އޭނާއަކީ ކާފަރެއް ކަމަށް ސިފަކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާ ތިން ހަފްތާ އާއި ތިން ދުވަހުގެ ޖަލު ހުކުމެކެވެ.

ހަމައެއާއެކު ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން، މާތް ﷲ އާއި ރަސޫލާގެ ސުންނަތާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް، ދޮގު މައުލޫމާތު ފެތުރުމަކީ ކުށެކެވެ. ނަމަވެސް ހުކުމްތައް ބަޔާންކުރަން އެއްވެސް ހުރަހެއް ނެތެވެ. އެފަދަ ކަމަކާ ގުޅުވައިގެން މީހަކަށް އަނިޔާއެއް ދޭން ގޮވާލުން ނުވަތަ އަނިޔާ ކުރުމަކީ ކުށެކެވެ. އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއްސިޔާސީ ގޮތުންނާއި ނަސްލީގޮތުން މީހަކަށް އަނިޔާ ދިނުމަށް ގޮވާލުންވެސް އެއީ ހަމަ އެފަދަ ކުށެކެވެ.