ނ. ލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހިއްސާ ކުރި އެ ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މިއަދު މެންދުރު ލަންދޫ ސްކޫލުގައި ބޭއްވި އެ ބައްދަލުވުމުގައި އެ ރށުގެ ކައުންސިލުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރެއިން ކައުންސިލުން އެންމެ އިސްކަމެއް ދީގެން ފާހަގަ ކުރި ކަމަކީ އޮޑިފަހަރު އެހެލުމުގެ އިންތިޒާމް ފަހި ކުރުމާއި، ލަންދޫ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ހާއްސަ މާހައުލެއް ގާއިމުކޮށް ކުރުމާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ވެސް ކުނީގެ މައްސަލަ ހައްލު ކުރުމާއި، ރަށުގެ އަންހެން ވެރިންނަށް ހާއްސަކޮށްގެން އައުޓްޑޯ ޖިމެއް ގާއިމު ކުރުމުގެ އިތުރުން ސިއްހީ ހިދުމަތްތައް ހަރުދަނާ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކައުންސިލުން އެދިފައި ވެއެވެ.

ރައީސް ސޯލިހް މި ބައްދަލުވުމުގައި ވިދާޅުވީ، މި އަހަރަށް ބަޖެޓް ކުރެވިފައި ވާ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ މަނިކުފާނު ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދުނު ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ލަންދޫ ކައުންސިލުން ވަނީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށާއި، ލަންދޫގައި މިއަދު އިފްތިތާހު ކުރެވޭ ބަނދަރަކީ މި ގޮތުން ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްގެން ފަރުމާ ކުރެވިފައިވާ ބަނދަރެއް ކަން ފާހަގަ ކޮށްފައެވެ. މި ވާހަކައަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލަންދޫ ބަނދަރަކީ ދުވަސްވީ މަސައްކަތެއް ކަމަށާއި، މިފަދަ މަސައްކަތްތައް ކުރުމުގައި މި ސަރުކާރުން ރައްޔިތުންނާއި ކައުންސިލުގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ލަންދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.