އީރާނުގެ ވެރިރަށް ތެހްރާން ކައިރިން ވައްޓާލި ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް752 އިން ދަތުރު ކުރި ކެނެޑާގެ 5 މީހުންގެ އާއިލާތަކަށް، ބަދަލުގެ ގޮތުގައި 107 މިލިއަން ކެނޭޑިއަން ޑޮލަރު (84 މިލިއަން އެމެރިކާ ޑޮލަރު) އަދި އިންޓްރެސްޓް ދިނުމަށް، ކެނެޑާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އޮންޓާރިއޯ ސުޕީރިއާ ކޯޓް އޮފް ޖަސްޓިސް އިން މާލީ ބަދަލު ދިން މީހުންގެ ތެރޭގައި، ފްލައިޓް ޕީއެސް752 އިން ދަތުރު ކުރި ފަސެންޖަރުންގެ ހަޔާތުގެ ބައިވެރިންނާ، އެއްބަނޑު އެއް ބަފާ މީހުންނާ، ދަރިން އަދި ފަސެންޖަރުންގެ އަހުންނާއި އުހުތުންގެ ދަރިން ހިމެނެއެވެ.

އީރާނުގެ ވެރިރަށް ތެހްރާނުން އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 2 މިސައިލް ހަމަލާއެއް ދީ، ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ކޮމާޝަލް ފްލައިޓް ޕީއެސް752 ވައްޓާލީ، އީރާންގެ އަސްކަރިއްޔާއަށް އެރި އޮޅުމެއްގެ ތެރެއިން ކަމަށް، އީރާނުން ވަނީ އިއުތިރާފު ވެފައެވެ.

ފްލައިޓުން ދަތުރުކުރި 176 މީހުންގެ ފުރާނަ ގެއްލި ދިޔަ އެ ހިތާމަވެރި ހާދިސާގައި، ކެނެޑާގެ ރައްޔިތުންނާއި ދާއިމީ ރަށްވެހިން ހިމެނޭހެން 85 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ކޮމާޝަލް ފްލައިޓް ޕީއެސް752 ވައްޓާލާފައި ވަނީ، އީރާން އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު، ގާސިމް ސުލައިމާނީ އަވާހަރަ ކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. ސުލައިމާނީ އަވަހާރަ ކޮށްލީ އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

އޮޅުމެއްގެ ތެރެއިން ހިނގި ކަމަށް ބުނާ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، މާލީ ބަދަލެއްގެ ގޮތުގައި 150000 ޑޮލަރު ދިނުމަށް އީރާނުން ވަނީ ނިންމާފައެވެ. ނަމަވެސް، އެކަން ގޮސްފައި ވާ ހިސާބެއް އަދި ސާފެއް ނުވެއެވެ.

އީރާނާއި ޒަމާންވީ ހަތުރު، އެމެރިކާއާއި ދެމެދު އިންތިހާއަށް މަސްރަހު ނުތަނަވަސްވެ، ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮއްވާ، ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ކޮމާޝަލް ފްލައިޓެއް އީރާނުގެ ވައިގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް، އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމަށްވާ ރިވަލޫޝަނަރީ ގާޑުން އެ ބޯޓަށް ހަމަލާދީ، ވައްޓާލީ ޖެނުއަރީ 8، 2020 ވަނަ ދުވަހުއެވެ.