100 އަށް ވުރެ ގިނަ އަންހެނުން "ވިއްކާ" ކަމަށް ބުނެ އެ މީހުންގެ ފޮޓޯތައް ހިއްސާ ކުރަމުން ދިޔަ އެޕެއްގެ މައްސަލާގައި، އިންޑިއާގެ 2 ސްޓޭޓެއްގެ ފުލުހުން، ދައުވާ ހުށަހަޅައިފިއެވެ.

މި މައްސަލާގައި އިންޑިއާ ފުލުހުން ދައުވާ ކުރާ މީހުންގެ ތެރޭގައި އެޕްގެ ޑިވަލޮޕަރުންގެ އިތުރުން، ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި އެ މަންޒަރުތައް ހިއްސާ ކުރި މީހުން ހިމެނެއެވެ.

އޯޕަން ސޯސް އެޕެއްގެ ގޮތުގައި ހިންގި "ބުއްލީ ބާއީ" އެޕް ހޮސްޓްކޮށްފައި ވަނީ ގިޓްހަބްގައެވެ. މި އެޕް މިހާރު އެ ޕްލެޓްފޯމުން ނަގާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެޕަކީ މުސްލިމް އަންހެނުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން، މުސްލިމު އަންހެނުން "ނީލަމުގައި ވިއްކާ" ކަމަށް އޮންލައިން ފެންވަރުގައި މި ފަހަކުން ހިންގި މިފަދަ 2 ވަނަ ޖަރީމާއެވެ.

ޖުލައި 2021 ގައިވެސް މިފަދަ މައްސަލައެއް ފެންމަތިވިއެވެ. "ސުއްލީ ޑީލްސް"ގެ ނަމުގައި އެ ފަހަރު ހިންގި އެޕްގައި 80 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ޖަހާފައި ހުއްޓެވެ.

މި 2 ޖަރީމާގައިވެސް އެއްވެސް އަންހަނަކު "ގަތުމުގެ ވިޔަފާރި" ހިންގާފައި ވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. އަދި މި އަމަލަކީ، މުސްލިމް އަންހެނުންގެ ތަސްވީރުތައް އާންމު ކޮށްގެން، މުސްލިމު އުޚުތުން ލަދުގެންނެވުން ކަމަށްވެސް ހަބަރު ލިބެއެވެ.

2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ނަރޭންދްރާ މޯދީ ހަވާލުވެވަޑައިގެންނެވި ފަހުން، އެކި ފަންތީގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި އުދުވާންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި، ފާއިތުވެދިޔަ އަހަރުތަކަކީ މުސްލިމް އަންހެނުންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެގެން ދިޔަ ދުވަސްތަކެކެވެ.