މަތިންދާބޯޓެއްގެ ފާހާނާ ތެރޭގައި ހުރި ކުނިވަށިގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެއެވެ.

މަޑަގަސްކަރައިން ފުރައިގެން މޮރިޝަސްގައި ޖެއްސި އެއާ މޮރިޝަސްގެ މަތިންދާބޯޓުގެ ފާހާނާ ކުނިވަށިގަނޑު ތެރޭގައި މި ކުއްޖާ އޮއްވަ ފެނިފައި ވަނީ، މޮރިޝަސް އެއާޕޯޓްގެ މުވައްޒަފުން ތަކަކަށެވެ.

ވިހެއުމަށް ފަހު އެއްލާލާފައި އޮތް ތުއްތު ކުއްޖާ ފެނުނީ، އާންމު އުސޫލުން ކުރިއަށް ގެންދާ ކަސްޓަމް ޗެކަޕްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

ފްލައިޓް ތެރޭގައި ވިހޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މަޑަގަސްކަރައަށް ނިސްބަތްވާ، އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށް ހަބަރު ލިބެއެވެ.

ހައްޔަރު ކުރި އަންހެން މީހާ އެންމެ ފުރަތަމަ ވަނީ، ކުނިވަށިގަނޑުން ފެނުނު ފިރިހެން ކުއްޖާއަކީ އޭނާއަށް އުފަންވި ކުއްޖެއް ކަމަށް އިއުތިރާފް ވުމަށް އިންކާރު ކޮށްފައެވެ. ނަމަވެސް ހެދި ޓެސްޓުތަކުން އެ މީހަކީ ދާދި ފަހުން ވިހޭ މީހެއް ކަން ވަނީ ސާބިތު ވެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި، އެ އަންހެން މީހާ މިވަގުތު އޮތީ ހޮސްޕިޓަލުގައި ކަމަށް ހަބަރު ލިބެއެވެ. އަދި އެ އަންހެން މީހާއާ، ކުނިވަށިގަނޑުން ފެނުނު ތުއްތު ކުއްޖާގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ކުނިވަށިގަނޑުން ފެނުނު ކުއްޖާގެ މަންމަ ކަމަށް ބެލެވޭ އަންހެން މީހާއަކީ، 2 އަހަރު ދުވަހުގެ ވޯކް ވިސާގައި މޮރިޝަސްއަށް އެތެރެވި މީހެކެވެ. އަލަށް އުފަންވި ތުއްތު ކުއްޖަކު އިހުމާލުން ދޫކޮށްލި ކަމުގެ ކުށުގައި، އަންހެން މީހާއާ ސުވާލުކޮށް، ދައުވާ އުފުލާނީ، ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށް މައުލޫމާތު ލިބެއެވެ.