ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އެހީ ލިބުން ހުއްޓުވާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެހީގެ ބޮޑު ބަޔަކަށް ހުރަސްއެޅި، ޖަމިއްޔާއަށް ނޭދެވޭ ބޮޑު އަސަރެއް ފޯރާނެ ކަމަށް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އޮކްސްފާމްގެ އިންޑިއާ ގޮފިން ހާމަ ކޮށްފިއެވެ.

ބޭރުގެ ފަރާތްތައް މެދުވެރިކޮށް އެހީ ހޯދުމަށް އޮތް ދޮރު، އޮކްސްފާމަށް ބަންދުވީ މި ފެށުނު މީލާދީ އާ އަހަރާ އެކުގައެވެ.

މިއާއެކު އޮކްސްފާމް އިންޑިއާއިން ވަނީ، މި ހުރަސްތައް ނައްތާލަ ދިނުމަށް އެދި، އިންޑިއާގެ ދާހިލީ ވުޒާރާއާ މަޝްވަރާ ކުރާނެ ކަން ހާމަ ކޮށްފައެވެ.

އޮކްސްފާމް އިންޑިއާއަށް ބޭރުގެ ފަރާތްތަކުން ލިބެމުން ދިޔަ އެހީ ހުއްޓުވާލުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވަނީ ކަނޑައެޅިގެން ކޮން ސަބަބަކާ ހެދި ކަމެއް އަދި ސާފެއް ނުވެއެވެ.

އިންޑިއާގައި ހިންގާ ހިލޭ އެހީ ދޭ ޖަމިއްޔާތަކާ، ސަރުކާރު ހިއްސާ ނުވާ ކުންފުނިތަކަށް ބޭރުގެ އެހީ ލިބޭ ކަމުގައި ވަނީ ނަމަ، ފޮރިން ކޮންޓްރިބިއުޝަން ރެގިއުލޭޝަން އެކްޓް (އެފްސީއާރްއޭ)ގެ ދަށުން ދަފުތަރު ވާންޖެހެއެވެ. މިފަދަ އެތައް ހާސް ޖަމިއްޔާއެއް އިންޑިއާގައި ހިންގާ އިރު، 179 ޖަމިއްޔާއަކަށް ލައިސަންސް އާ ކޮށްދިނުމަށް އިންޑިއާ ސަރުކާރުން ވަނީ އިންކާރު ކޮށްފައެވެ.

އާ އަހަރުގެ ފެށުމާއެކު 6 ހާހެއްހާ ޖަމިއްޔާގެ ލައިސަންސް ބާތިލު ވެފައި ވާ އިރު، 5700 އެއްހާ ޖަމިއްޔާއަކީ، ޑިސެމްބަރު 31، 2021 ގެ ނިޔަލަށް، ހުއްދަ އާ ކުރުމަށް އެދި ހުށަހަޅާފައި ނުވާ ޖަމިއްޔާތަށް ކަމަށާ، ދެން ހުރި ޖަމިއްޔާތަކަކީ އެކި ސަބަބުތަކާ ހެދި ސަރުކާރުން ހުއްދާ އާ ކޮށް ނުދިން ޖަމިއްޔާތަށް ކަމަށް މައުލޫމާތު ލިބެއެވެ.

އޮކްސްފާމް ހިމެނެނީ ލައިންސަންސް އާ ކޮށްދިނުމަށް އިންޑިއާ ސަރުކާރުން އިންކާރު ކުރި ލިސްޓުގައި ކަމަށް ވާއިރު، އެކަމުގެ އަސަރު، އޮކްސްފާމްއިން އިންޑިއާގެ 16 ސްޓޭޓެއްގައި ހިންގާ މަޝްރޫއުތަކަށް ފޯރާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެންވެސް މޯދީގެ ސަރުކާރުން ދަނީ، އިންޑިއާގައި ހިންގާ ޖަމިއްޔާތަކަށް ބޭރުގެ އެކި ފަރާތްތަކުން ލިބޭ އެހީއަށް ހުރަސް އަޅަމުން ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަ ކުރެއެވެ. އެގޮތުން އެފްސީއާރްއޭގެ ދަށުން، ޖަމިއްޔާތަކަށް ވަކި ހައްދުތަކެއް ކަނޑައެޅި، ފައިސާ ހަރަދު ކުރުމުގެ މިނިވަން ކަމަށްވެސް ގޮންޖެހުންތަކެއް ކުރިމަތި ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ ސަރުކާރުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަނީ، އެ ސަރުކާރަށް ފާޑުކިއުންތައް އަމާޒު ކުރާ ފަރާތްތަކަށް ކަމަށް، ސަރުކާރު ހިއްސާ ނުވާ އަމިއްލަ ޖަމިއްޔާތަކުގެ މަންދޫބުން ތުހުމަތު ކުރައްވައެވެ.