ހުޅުމާލޭގައި 21 އަހަރުގެ އަންހެން ދަރިއަކަށް ބައްޕައަކު އަނިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ފުލުހުން ބުނީ، އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކަށް ގެވެށި އަނިޔާ ކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީން ބުނީ، މިއަދު އެފަދަ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި އަދި އެ މިނިސްޓްރީން އެޓެންޑް ވަމުން އަންނަ ކަމަށެވެ.

އަނިޔާ ލިބުނު އަންހެން މީހާއަށް ޓްރީޓޮޕް ގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އެ އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އެއްވެސް އިދާރާއަކުން އަދި ހޮސްޕިޓަލުން ވެސް ހާމައެއް ނުކުރެއެވެ.

ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓްކޮށްފަިއވާ ގޮތުގައި އެ އަންހެންމީހާއަށް އޭނާގެ ބައްޕަ އަނިޔާ ކޮށްފައި ވަނީ ގޭގައި ހިނގި ދެބަސްވުމެއްގެ ތެރޭގައެވެ. އަދި އެ އަންހެން މީހާއަށް ބައްޕަ ދިން އަނިޔާގެ ސަބަބުން މޭކަށިގަނޑުގައި ވަނީ ރެނދުލައިފައި ކަމަށާއި އަދި ކަރުގައި ހިފުމުގެ ސަބަބުން ކަރުތެރެ ވަރަށް ބޮޑަށް ދުޅަވެ އިތުރު އަނިޔާތައް ވެސް ވެފައި އެބަހުރި ކަމަށް ނޫސްތަކުން ބުނެއެވެ.