ދެކުނު އެފްރިކާގެ ގާނޫނުހަދާ މަޖިލީސް ގޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.
އެގައުމުގެ ގަޑިން ފަތިހު ހަތަރެއް ޖެހިއިރު ހިނގާފައިވާ މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދިފައިވާ ނުވާކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އަލިފާން ރޯވެ، މުޅި އެ ސަރަހައްދުގައި ކަޅު ދުންގަނޑެއް ފެތުރިފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި މީީހުން ބުނެފައި ވާއިރު ހާދިސާ ހިނގި ވަގުތު އިމާރާތުގެ ތެރޭގައި އެއްވެސް މީހަކު ހުރިތޯ ނުވަތަ ނޫންތޯ ވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައެއް ނުވެއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ސަރަަހައްދުގައި ކޭޕް ޓައުންގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ ހަރަކާތްތެރި ވާން ފަށާފައެވެ.
ރިޕޯޓުތައް ބުނާގޮތުން އަލިފާން ރޯވީ އެ އިމާރާގެ ތިން ވަނަ ފަންގިފިލާގައެވެ. ހުޅުގަނޑު ހިފާފައިވަނީ އެ ފަންގިފިލާގެ ކޮޓަރިތަކަކާއި މީގެ ކުރިން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އައި މާލަމުގައެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިމާރާތުގެ ފާރުތަކުގައި ރެނދުލާފައި ވާއިރު މިކަމާ ގުޅިގެން އެ ސިޓީގެ އިމާޖެންސީ ސާވިސަސްގެ ތަރުޖަމާނު ވިދާޅުވީ ހުޅުގަނޑު ހިފާފައިވަނީ ފުރާޅާ ވެސް އެއްކޮށް ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ މިހާތަނަށް އައިއިރު އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިނުވާ ކަމަށް ވިދާޅުވެއެވެ.