20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެޗްއެސްބީސީން އެމްޑަބްލިއުއެސްސީ އަށް 10 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައި ދީފިއެވެ.

އެޗްއެސްބީސީން ހަމަޖައްސައި ދިން އެ ލޯން ފެސިލިޓީއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިދިން ފެސިލިޓީއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި އެއީ މީހުން އާބާދުވެފައިވާ ހުރިހާ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ބައެއް ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މިކަމާ ގުޅިގެން އެޗްއެސްބީސީގެ ކަންޓްރީ މެނޭޖަރު ދިލްޝާން ޕެރޭރާ ވިދާޅުވީ، މިދިޔަ 19 އަހަރު ރާއްޖޭގެ ތަރައްގީއަށް ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގައި އެޗްއެސްބީސީގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.

މިދިޔަ އަހަރު ނިމުނިއިރު، ސަރުކާރުން ވަނީ ފެނާއި ނަރުދަމާގެ ނިޒާމު އަޅަން ހަވާލުނުކޮށް ހުރި ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ސްޓެލްކޯ، މާކެޓެކް މޯލްޑިވްސް، ފެނަކަ ކޯޕަރޭޝަން، އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

އެ މަޝްރޫއުތަކާއެކު މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ އޭރު ބުނެފައެވެ.