އަނެއްކާވެސް ހިޔާ ފްލެޓް ސަރަހައްދުގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހިޔާ ފްލެޓް ޓަވަރުތައް ކަމަށްވާ 13 އާއި 14 ކުރިމަތީގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރު 12:56 ހާއިރު ކަމަށެވެ.

އެއާއެކު، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދަށް ގޮސް، ކުނިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ރޭ މެންދަމު 2:10 ހާއިރު އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ކުނި ބަހައްޓާފައި ހުންނަ ގޮތުން ދޭތެރެ ދޭތެރެއިން އަލިފާނުގެ ހާދިސާތައް ދިމާވަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. ބައެއް ފަހަރު ހިޔާ ފްލެޓްގެ އެންމެ ތިރީގައި ކުނި ބަހައްޓާ ސަރަހައްދުން އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި އެބަ ހުއްޓެވެ.