މާލެ ސިޓީ ކައުންސިލުން އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފެށި އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލައިފައި ވާ އެ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. މި މަޝްރޫއު ފައްޓަވައި ދެއްވީ މާލޭ ސިޓީ ކައުންސިލަށް އެތައް އަހަރެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ރަމީޒެވެ.

39 އަހަރު މާލެ ސިޓީ ކައުންސިލަށް ހިދުމަތްކޮށްދެއްވާފައިވާ މާލެ ސިޓީ ކައުންސިލްގެ ސީނިއާ އެކައުންޓްސް އޮފިސާ ކަމުގެ މަގާމްގައި ހުންނެވި އަބްދުﷲ ރަމީޒް ވިދާޅުވީ މާލެސިޓީ ފެހިކުރުމުގެ ގޮތުން ވީހާވެސް ގިނަ ސަރަހައްދުގައި ގަސް އިންދުމަކީ ވަރަށް ރަނގަޅު ވިސްނުމެއްގައި ކުރިއަށްދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ އިންދި އަނބުގަސް އިންދާފައިވަނީ އަމީނީމަގު ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައެވެ. މިއަދު ފެށިގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ޕޮލިސީ ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ އެއްލައްކަ ގަސް މާލެ ސިޓީގައި އިންދުމަށް ނިންމީ ވަރަށްބޮޑަށް ދިރާސާކޮށްފައިކަމަށެވެ. އަދި މާލޭގައި މިހާތަނަށް ކާބޯތަކެތި އަޅާ ގަސް ހެއްދުމަށް ސަމާލުކަމެއް ދެވިފައިނުވާތީ މި ޕްރޮގްރާމް ވެގެންދާނީ މާލެ ސިޓީގެ ރައްޔިތުންނަށް ފައިދާވާނެ ޕްރޮގްރާމަކަށް ކަމަށް އިބްރާހިމް އަބޫބަކުރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޕޮލިސީ ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް ކޮމެޓީގެ ނައިބު މުގައްރިރު އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު

އަބްދުﷲ ނާސިރު ވިދާޅުވީ މިހާރު މި ޕްރޮގްރާމަށް ބޭނުންވާ ގަސްތައް ރާއްޖެއިން ބޭރުން ގެނައުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުންދާ ކަމަށާއި ގަސްތައް ގެނައުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ، އިންޑިއާ، ބަންގްލަދޭޝް، އަދި ތައިލޭންޑުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ގެ ދަށުން އިންދަން ހަމަޖެހިފައިވާ %65 ގަހަކީ އަނބުގަހެވެ. އަދި ބާކީ %35 ގެ ތެރޭގައި، ސައްކެޔޮގަސް، ހިތިގަސް އަދި ދަނބުގަސް، ފަދަ ގަސް ހިމެނިގެންދާނެއެވެ.