ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެފައި ވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް އިއްޔެ މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
280 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމާއި އަދި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީއާއި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހަވާލު ކޮށްފައިވާ މި މަޝްރޫއަކީ 18.25 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީއިން އިތުރަށް ބުނީ މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 64 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި މިއަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 22 މަޝްރޫއެއްގެ މަސައްކަތް ނިންމައިފާ ކަމަށެވެ. މީގެ އިތުރުން 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައި ކަމަށާއި ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.