ކޮވިޑަށް ފަހު އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް ހަވާ އަރުވަން ނިންމައިފިއެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ފަހު ދުވަހު ހަވާ އެރުވި ނަމަވެސް، ކޮވިޑާ ހެދި 2020 ގައި އާ އަހަރު ފާޙަގަ ކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މާދަމާރޭ 11:59 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އެރުވުން ކުރިއަށް ދާނެ ކަމަށެވެ.

މީގެ އިތުރުން، އާ އަހަރު ފާހަގަކުރުމުގެ ގޮތުން "މަރުހަބާވީސް"ގެ ނަމުގައި ޔޫތު މިނިސްޓްރީން އާ އަހަރު ފާހަގަކުރުމަށް ހުޅުމާލެ ދުވާ ޓްރެކްގައި ޝޯ އެއް ބާއްވާއިރު، އެ ޝޯގައި އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަންކިތު ތިވާރީ އާއި ބައެއް ދިވެހި ފަންނާނުންގެ ހުށަހެޅުންތައްވެސް އޮންނާނެއެވެ.

މިއީ ކޮވިޑަށް ފަހު، އާ އަހަރު ފާޙަގަކުރާ ފުރަތަމަ ފަހަރެވެ.