ރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ނުރައްކާ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން ފެށި ސީދަ ތާރީހެއް އެނގެން ނެތަސް މިއަދު ރާއްޖެއަކީ މަސްތުވާތަކެތި އިންތިހާއަށް ތިޔާގި ގައުމެކެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި އާންމުކޮށް ހައްޔަރު ކުރަނީ 18 އަހަރުން މަތީގެ މީހުން ކަމަށް ވިޔަސް މަސްތިވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި ދަށް އުމުރުފުރާތަކުގެ ކުދިން ޝާމިލުވާ އަދަދު މަދެއް ނޫނެވެ. ތަފާސްހިސާބުތައް އެކަމަށް ހެކި ދޭއިރު، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ތެރޭގައިވެސް މަސްތުވާތަކެއްޗާ ގުޅުން ހުންނަ ކުޑަކުދިން ހައްޔަރު ކުރަމުން ދެއެވެ.
2021 ގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރު
ވޭތުވެދިޔަ ފަސް އަހަރަށް ބެލިކަމުގައި ވިޔަސް އެންމެ ގިނައިން މަސްތުވާތަކެތީގެ މައްސަލަ ހުށަހަޅާފައި ވަނީ 2017 އިން ފެށިގެން 2019 އަށެވެ. އެގޮތުން އެ ތިން އަހަރު އެވަރެޖްކޮށް 2,000 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. ނަމަވެސް 2020 ވަނަ އަހަރު ހުށަހެޅި މަސްތުވާތަކެތީގެ މައްސަލަ ބޮޑުތަނުން ދަށްކޮށް, އެ އަދަދު ވަނީ 1,371 އަށް ވެއްޓިފައެވެ. ނަމަވެސް 2021 ވަނަ އަހަރު 1,571 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބު ތަކުން ދައްކައެވެ.
މައްސަލަތައް ހުށަހަޅާފައިވާ ގޮތް:
- ޖެނުއަރީ: 137
- ފެބްރުއަރީ: 123
- މާޗް: 166
- އޭޕްރިލް: 130
- މޭ: 118
- ޖޫން: 155
- ޖުލައި: 157
- އޮގަސްޓު: 135
- ސެޕްޓެމްބަރު: 170
- އޮކްޓޯބަރު: 104
- ނޮވެމްބަރު: 76
- ޑިސެމްބަރު: 100
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތައް 2021 ވަނަ އަހަރު އެންމެ ގިނަވެފައި ވަނީ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ. މައްސަލަތައް އެންމެ މަދުން ހުށަހަޅާފައި ވަނީ އަހަރުގެ ފަހު ކުއާޓަރުގައެވެ. މި ދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުށަހަޅާފައިވާ މައްސަލަތައް މަދު ނަމަވެސް، "ކިލޯ ކިރައިގެން" އަތުލި މަސްތުވާތަކެތި މަދެއް ނޫނެވެ.
މިފަހުން ފުލުހުން ހިންގި ބޮޑެތި ބައެއް އޮޕަރޭޝަންތައް
215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ
މިއަހަރު ފުލުހުން ހިންގި އެއް އޮޕަރޭޝަންގައި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރެއިންނެވެ. އެގޮތުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، މެރިން ފުލުހުންނާއި، ފޮރެންސިކްސްގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސާއި، ރ. އަތޮޅުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން ވަނީ އަތުލައިގެންފައެވެ. އަދި އެ މައްސަލައާ ގުޅިގެން ރ. މަޑުއްވަރީން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި އެތެރެކޮށް އޭގެން ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާލޭ ސަރަހައްދުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ މަހުގެ 12 އިން 14 އަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެއްޗާއެކު 52 އަހަރާއި، 25 އަހަރާއި، 29 އަހަރާއި، 31 އަހަރާއި، 26 އަހަރުގެ ދިވެހި ފަސް ފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިނ ތިން މީހެއްގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.
100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ
ހަމަ އެއާއެކު، މިދިޔަ އޮކްޓޯބަރުގެ މެދުތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސާއި، މެރިން ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެއްޗާއެކު، 10 މީހަކު ހައްޔަރު ކުރިއެވެ. ހެކި ނެތްކަމަށް ބުނެ، އޭގެ ތެރެއިން ދެ މީހަކު ފުރަތަމަ ކޮޅު ދޫކޮށްލާފައި ވާއިރު، އެ ދެ މީހުންނަކީ މި މައްސަލާގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ކަމަށްވެސް ފުލުހުން ވަނީ އޭރު ބުނެފައެވެ.
ހަމަ އެހެންމެ، ހެކި ނެތްކަމަށް ބުނެ، އެ މައްސަލާގައި ހައްޔަރުކުރި ހުރިހާ ދިވެހިން ދޫކޮށްލާފައި ވާއިރު، ޕީޖީން ވަނީ އެ މައްސަލާގައި ހައްޔަރު ކުރި ހުރިހާ ދިވެހިންނަށް ދައުވާކުރަން އަނެއްކާވެސް ފޮނުވާފައެވެ.
ފަރުވާކުޑަ ކުރުމުގެ ސަބަބުން ކުށްވެރިން ދޫވެފައި
ވޭތުވެދިޔަ އަހަރުތަކުގައި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ މީހުން އެކި މަރުހަލާތަކުގައި ދޫކޮށްލާފައި ވާއިރު، ގިނަ މީހުން ދޫކޮށްލާފައި ވަނީ ހެކި ނެތިގެންނެވެ. އަދި ބައެއް މައްސަލަތަކުގައި އިޖުރާއީ މައްސަލަ ހުރެގެންވެސް ދޫކޮށްލާފައި ވެއެވެ.
އޭގެ ތެރޭގައި 2019 ވަނަ އަހަރު އޭޕްރިލް ނިމުނުކޮޅު ގދ. އަތޮޅުގެ ފަޅުރަށަކުން ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ފަސް މީހުންނަށް ކޮށްފައިވާ ދައުވާ ބޭރުކޮށްލާފައި ވާއިރު، މައްސަލަތައް ތަހުގީގުކުރާ ކަމާބެހޭ އިދާރާތަކުގެ ފަރުވާކުޑަ ކަމުގެ ސަބަބުންވެސް ބައެއް މީހުން ވަނީ ދޫވެފައެވެ.
މިދިޔަ މަހު ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސް ގުޅިގެން ބޭއްވި ޕްރެސް ބްރީފިން އެއްގައި ވާހަކަ ދައްކަވަމުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް ކޮށް ބަލާ ކަންކަން ކަމަށާ ގަސްތުގައި އިޖުރާއަތާ ހިލާފަށް ނުވަތަ ގޯސްކޮށް ފުލުހުން އަމަލު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މަސްތުވާތަކެތި ފަދަ މައްސަލަތަކުގައި އިޖުރާއަތު ގޯސްވެގެން މީހުން ދޫވުމަކީ "އިއްތިފާގުން" ވާ ކަމެއް ކަމަށެވެ.
8 އަހަރުގެ ކުޑަކުދިންވެސް މިހާރު މަސްތުވާތަކެތި ބޭނުން ކުރޭ
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ހެލްތު މިނިސްޓްރީން ވަނީ، އެންޑީއޭގެ އިދާރީ ހިންގުން އިސްލާހުކޮށް ފަރުވާގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.
އެ ޕްރެޒެންޓޭޝަން ހެލްތު މިނިސްޓްރީން ހުށަހަޅަމުން ބުނީ، 2014 ވަނަ އަހަރުގެ ތަފާސްް ހިސާބުތަކުންް ދައްކާ ގޮތުން މަސްތުވާތަކެތި ބޭނުން ކުރަނީ 22 އަހަރާއި 37 އަހަރާއި ދެމެދުގެ މީހުން ކަމަށާއި، ނަމަވެސްް މިހާރު އުމުރުން އެންމެ 17 އަހަރުން ފެށިގެން 68 އަހަރާއި ދެމެދުގެ އުމުރުގެ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މިއަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ކުޑަކުދިން ގިނަަކަން ފާހަގަކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި އުމުރުން 15 އަހަރާ 17 އަހަރާ ދެމެދުގެ ކުދިން ތިބި ކަމަށާއި، ބައެއް ފަހަރު އުމުރުން އެންމެ 8 އަހަރުގެ ކުދިން ވެސް މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތައްވެސް ފެންމަތިވެފައި އެބަހުރި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެންޑީއޭގައި ބައިވަރު މައްސަލަތައް
މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާގެ ހިދުމަތް ދީ، މުޖުތަމައު އަށް އަލުން ނެރުމަށްޓަކައި އެންމެ ބޮޑު ރޯލެއް އަދާކުރަން ޖެހޭނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިންނެވެ. ނަމަވެސް، 2020 ގައި އެންޑީއޭގެ ހިންގުން ދަށްވެ، މައްސަލަތައް އިތުރުވުމުގެ ސަބަބުން، "ޗޭންޖް އެންޑީއޭ" ގެ ނަމުގައި މަޖިލީހަށް ޕެޓިޝަނެއް ވެއްދީ މިދިޔަ އަހަރުއެވެ.
އެ ޕެޓިޝަން ދިރާސާ ކުރުމަށް ފަހު، މިދިޔަ ނޮވެމްބަރު މަހު މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އެކުލަވާލި ރިޕޯޓާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، އެ ކޮމިޓީގެ މުގައްރިރު އަދި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ޒުވާނުންގެ ހާލަތާއި، އެމީހުންނަށް ފަރުވާދޭން ހުރި މަރުކަޒުތަކުގެ ހާލަތު ގޯސް ކަމަށާއި، އެގޮތުން ސެންޓަރުތަކަށް ޒިޔާރަތްކުރާ ފަރާތްތައް ބޯލާނެ ފެންފުޅިއެއް ނެތުން ފަދަ ވާހަކަ އަޑުއިވޭއިރު، މިކަން ހިންގަން ތިބި ބައެއް ފަރާތްތަކުގެ އިހުމާލު އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
އެއާއެކު، އެންޑީއޭގެ މައްސަލަތައް ހައްލުކުރުމަށް ހުށަހެޅި ހުށަހެޅުންތަކާ އެކު، މަޖިލީހުން ވަނީ ޕެޓިޝަން ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކޮށްފައެވެ. އެ ރިޕޯޓުގައި، އެންޑީއޭ އަށް މިހާރު ދިމާވާ މައިގަނޑު މައްސަލަތަކާއި އެ ތަނުގެ ހިންގުމާއި ފަރުވާގެ ނިޒާމު އަދި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާ ގުޅޭ ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވެސް މަސައްކަތް ކުރޭ
މިދިޔަ އަހަރު ލ. ގަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޖަލުގައި މަސްތުވާތަކެތީގެ ނެޓްވޯކްތައް އޮޕަރޭޓް ކުރުން ހުއްޓުވުމަށް ކުޑަކުދިންނަށް ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އޭރު ރައީސް ކުރިން ވިދާޅުވިއެވެ.
ހަމަ އެއާއެކު، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ރައީސް އިސްވެ ހުންނަވައި ޓާސްކްފޯހެއް އެކުލަވާލައްވައި، އެކަމުގެ މަސައްކަތްވެސް މީގެ މަހެއްހާ ދުވަސް ކުރިން ފައްޓަވާފައިވާ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އެ ނޭވާގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އަލަށް ހެދި ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފެންނަން ފަށާނެ ކަމަށެވެ.
އަދި މި އަހަރު މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ކަންތައްތައް ރާވާފައި އެބަހުރި ކަމަށްވެސް ސަރުކާރުން ބުނެއެވެ.
މަސްތުވާ ތަކެތި ހުންޓުވަންށޭ ކުންމަދު ކުރަންށޭ އިންޑިޔާ ސިފައިން ބައިތިއްބާފަ އެވަނީ ދޭހަވަނީ އެތެރެ ކުރަން ފަސޭހަޔަކަން ބައިތިއްބާފަ ތިބި ބައެއްކަން ހައްތާވަނީ ގިނަ ކުޑައެއް ބޮޑެއް މަތީމަގާމުތަކުގާ ތިބޭމީހުން ބައިވެރިވަންޏާ ހާމަވެސް ނުކުޜާނެ މީ ދީނަށް އިސްކަން ނުދޭ ސުންޕާ ސަރުކާރެން އިސްލާހު ކުރުމަންޓަކާވެސް ކީއްތަވާނީ ކެބިނެޓާއެކު އިސްތިއުފާދޭން
ޖަލުން ފޯނު ކުރުން ހުއްޓުވާށޭ.. ކިހާދެރަކަމެއް.. އެވަރު ކޮށްބަލަ.. މަސްތުވާތަކެތީގެ ޤާނޫނުގައި ހުރި ލޫޕްހޯލްސް ކުޑަކޮށް ބަލަ.. ޕީޖީ އޮފީހުން ބަލަނީ ދަޢުވާ ނުކޮށްވާނެ ގޮތަކަށް އަބަދުވެސް ފަރުވާ ފަރުވާ އެހާދޯހަޅި.. މަސްތުވާތަކެތި ބޭނުން ނުކޮށް މުއާމަލާތްކުރާ މީހާ ކޯޓަށް ކޭސް ފޮނުވީމަ ޕީޖީ ތުޙުމަތުކުރެވޭ މީހާއަށް އިންޑައިރެކްޓްލީ މިކިޔައިދެނީ ބޯމީހަކަށް ވީމަ އަދަބު ނުލިބޭނޭ.. ފަރުވާއަށޭ ދާނީ.. މިހެން ކަންކުރާހާ ހިނދަކު އުފުލައިދޭ މީހުން ކުދިން މަދެއް ނުވާނެ..