ކޮވިޑާ ގުޅިގެން މަސައްކަތް ކުރާ ފްރޮންޓްލައިން މީހުންގެ އެލަވަންސްގެ ގޮތުގައި 280 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސްް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-200 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެެ ހަތްވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް 15،826 ފަރާތަކަށް ޖުމްލަ 280.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ފްރަންޓްލައިން އެލަވަންސް ދިނުމުގައި ބަލަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނެވެ.

އެގޮތުން ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާގޮތުން ދިމާވާ މީހުންނަށް އެލަވަންސްގެ ގޮތުގައި ދެނީ ދުވާލަކަށް 500 ރުފިޔާއެވެ. މިއީ ހައިރިސްކު ކެޓަގަރީއެވެ. އެމްބިއުލާންސްގެ ޓީމަށް 2 މަހަށް އެލަވަންސް ދިނީވެސް މި ރޭޓުންނެވެ.

އެފަދަ މީހުންނާ ސީދާގޮތުން ދިމާނުވި ނަމަވެސް ބަލި ޖެހިދާނެ ފަދަ މަސައްކަތް ކުރާ މީހުން ދެވަނަ ކެޓަގަރީގައި ހިމަނާފައި ވާއިރު އެފަދަ މީހުންނަށް ދޭން ކަނޑައެޅީ ދުވާލަކަށް 250 ރުފިޔާއެވެ. އަދި ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި އެންއީއޯސީގެ އޮޕަރޭޝަނުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިން މަސައްކަތް ކުރާނަމަ ދުވާލަކަށް 200 ރުފިޔާއެވެ.

ނަމަވެސް އަދިވެސް ފްރޮންޓްލައިން އެލަވަންސް ނުލިބޭ އެތައް ބަޔަކު އެބަ ތިއްބެއެވެ. މިގޮތުން ދާދި ފަހުން ވެސް އެލަވަންސް ނުލިބި ބަޔަކު ވަނީ ހެލްތު މިނިސްޓްރީގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފައެވެ.